މޫނުބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތްކުރާ މީހުންނާ މެދު މަސައްކަތުގެ މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެޑިއުކޭޝަނުން މިހެން ބުނެފައިމިވަނީ މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުމާ ބެހޭގޮތުން ތަފާތު ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގައި އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

މޫނުބުރުގާ އަޅައިގެން ސްކޫލްތަކުގައި މަސައްކަތްކުރުމުގެ ހުއްދަ ދީފައިވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ކުރިން ސްކޫލްތަކުގައި މޫނުބުރުގާ އަޅައިގެން މަސައްކަތްކުރުމަކީ މަނާ ކަމެއްކަމަށް މިނިސްޓްރީން ބުނެއެވެ. ބަޔާނުގައި ބުނެފައިވަނީ ސްކޫލްތަކުގެ އެކި މަގާމުތަކުގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި މޫނުބުރުގާ އަޅައިގެން މަސައްކަތްކުރާ މީހުންވެސް ހިމެނޭ ކަމަށާއި އެމީހުންނާއި މެދު މަސައްކަތުގެ މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށެވެ.

ނަމަވެސް، މޫނުބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވަނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބޭގޮތަށް ކަމަށާއި، ސަބަބަކީ ލޮލާއި އަނގައާއި މޫނުމަތީހެ އިޝާރާތްތަކަކީ މުއާސަލާތު ކުރުމުގައި ޒަރޫރީ ކަމަކަށްވެފައި، ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެކަންކަން މުހިންމު ދައުރެއް އަދާކުރާތީކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ހަމަ އެހެންމެ، މުދައްރިސުންގެ ނޮންވަރބަލް ބިހޭވިއަރ ފިލާވަޅަށް ދަރިވަރުންގެ ސަމާލުކަން ހޯދުމަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަން ފާހަގަކޮށް އެޑިއުކޭޝަނުން ބުނީ، އެގޮތަށް ކަނޑައަޅާފައިވަނީ ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ހަރަކާތްތަކުން ފިލާވަޅު ފަހުމުވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާގުވާތީ އެ ފުރުސަތުން ދަރިވަރުން މަހުރޫމް ވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

އެހެންނަމަވެސް، މިދުވަސްވަރު މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އަޅަން އަންގާފައިވަނީ ސިއްހީގޮތުން ދިމާވެފައިވާ ހާއްސަ ހާލަތަކާ ގުޅިގެން މަޖުބޫރީ ހާލަތެއް މެދުވެރިވުމުން ކަމަށްވެސް ބަޔާނުގައިވެއެވެ.

އެޑިއުކޭޝަނުން މިހެން ބުނެފައިވާއިރު، ކިޔަވައިދޭ މުދައްރިސުންނަކީ ކާކުކަން ދަރިވަރުންނަށްވެސް އެނގެންޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ވާހަކަދައްކަމުންނެވެ. މީގެއިތުރުން މޫނުބުރުގާ އަޅާ ޓީޗަރުންނަށް ހުރަސް ނޭޅުއްވުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލު ޕާޓީން ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައެވެ.

މޫނުބުރުގާ އަޅާ ޓީޗަރުންނަށް ސްކޫލްތަކުގައި މަސައްކަތް ކުރަން ހުރަސް އެޅޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ސިޔާސަތު ގެންގުޅޭ ކަމަށް ބުނެ އެކަން މުރާޖައާކޮށްދިނުމަށްވެސް އެ ޕާޓީން މިނިސްޓްރީގައި އެދިފައިވެއެވެ.