ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ރޫޓިން ސަރޖަރީތައް މެދުކަނޑާލަން ނިންމައިފިއެވެ.

ކޮވިޑާ ގުޅިގެން އެ ހޮސްޕިޓަލްގެ ބައެއް ޚިދުމަތްތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާކަން ހާމަކޮށް، އެހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހޮސްޕިޓަލްގެ ބައެއް ޚިދުމަތްތައް ޑައުންގްރޭޑް ކުރެވިގެންދާނެ ކަމަށާއި، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދުރާލާ ތާވަލުކޮށްގެން ހަދާ ސަރޖަރީތައް މެދުކަނޑާލަން ނިންމާފައިވާކަމަށެވެ.

އަދި، ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ސަރޖަރީތައް ހެދެން ފެށޭނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

މީގެއިތުރުން، މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ލެބޯޓްރީން ލޭނެގުމުގެ ޚިދުމަތް ދެމުންދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. ހަމައެއާއެކު ލެބޯޓްރީ އޯޕީޑީގެ ޚިދުމަތް ހޯދަން ބޭނުންވާ މީހުންނަށް ދުވާލެއްގެ މައްޗަށް ދޫކުރެވޭނީ އޮންލައިންކޮށް 100 ނަމްބަރާއި ހޮސްޕިޓަލަށް ގޮސް 100 ނަމްބަރު ކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.

މި ބަދަލުތައް ގެންނަން ނިންމި ނަމަވެސް، ހޮސްޕިޓަލުގެ އިމަޖެންސީ ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށް އައިޖީއެމްއެޗުގެ ބަޔާނުގައި ވެއެވެ.