• ސްރީލަންކާއަށް މާލީ އެހީގެއިތުރުން، ކާބޯތަކެތީގެ ކުއްލި އެހީ އިންޑިއާއިން ދެނީ

ހިލޭ އެހީގެގޮތުގައި އެއް މިލިއަން މެޓްރިކް ޓަނުގެ ހަނޑޫ ސްރީލަންކާއަށް ދިނުމަށް ޗައިނާ ސަރުކާރުން ނިންމައިފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވީ، ސްރީލަންކާ ސަރުކާރުގެ ތަރުޖަމާނު ކެބިނެޓް މިނިސްޓަރ ރަމޭޝް ޕަތިރަނައެވެ.

އޭނާ ވިދާޅުވީ، ޗައިނާއިންދޭ ހަނޑޫ، ކުރިއަށްއޮތް މާޗްމަހުގެ ތެރޭގައި ސްރީލަންކާއަށް ގެނެވޭނެ ކަމަށެވެ.

ޗައިނާއިން ސްރީލަންކާއަށް އެއްމިލިއަން މެޓްރިކް ޓަނުގެ ހަނޑޫ ހަދިޔާކުރަން ނިންމީ، ސްރީލަންކާއާއި ޗައިނާއާ ދެމެދު 1952 ވަނަ އަހަރު ސޮއިކޮށްފައިވާ ރަބަރ-ރައިސް ޕެކްޓް އެއްބަސްވުމަށް 70 ފުރޭ މުސަބަތާ ގުޅިގެންނެވެ.

އަދި މިއީ، ޗައިނާ ސަރުކާރުން ސްރީލަންކާއަށްދޭ "ހަދިޔާއެއް" ކަމަށްވެސް ސަރުކާރުގެ ތަރުޖަމާނު ވިދާޅުވިއެވެ.

ކޮވިޑްގެ ސަބަބުން ފަތުރުވެރިކަމުން ލިބެމުންދިޔަ އާމްދަނީ ހުއްޓުމާއި، ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެކްސްޕޯޓް ދަށަށްގޮސް، ފޮރިން އެކްސްޗޭންޖް ރިޒާވް ވަރަށް ބޮޑަށް ދަށްވެ، އިންފްލޭޝަން މައްޗަށްގޮސް، ސްރީލަންކާގެ އިގްތިސާދުވަނީ ވަރަށް ބޮޑަށް ހީނަރުވާން ފަށާފައެވެ.

ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައި ވާއިރު، އަސާސީ މުދަލުގެ ތެރެއިން ތެލާއި، ބޭހާއި، ކާޑުގެ ބާވަތްތަކަށްވެސް ސްރީލަންކާވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. ޗައިނާއިން ހަނޑޫ ހަދިޔާކުރަން ނިންމުމުންވެސް ސްރީލަންކާ މިހާރުއޮތް ހާލަތު ވަޒަންކުރެވޭ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ސްރީލަންކާއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެއް މިލިއަން މެޓްރިކް ޓަނުގެ ހަނޑޫ ހަދިޔާކުރަން ޗައިނާއިން ނިންމިއިރު، ސްރީލަންކާއަށް އެނޫންވެސް ގޮތްގޮތުން ޗައިނާއިން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮވިޑް ބައްޔާ ދެކޮޅަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދަނީވެސް ޗައިނާއިންނެވެ.

އަނެއްކޮޅުން، ސްރީލަންކާއަށް ދިމާވެފައިވާ އިގްތިސާދީ އަޑިގަނޑުން އަރައިގަނެ، އިގްތިސާދު ވަރުގަދަ ކުރުމަށް އެހީތެރިވުމުގެ ގޮތުން ސްރީލަންކާއަށް ހަކަތައާއި، ކާބޯތަކެތި ފޯރުކޮށްދޭނޭ ކަމުގެ ޔަގީންކަން އިންޑިއާއިންވަނީ ދީފައެވެ.

ކްރިޑެޓާއި އެނޫންވެސް ގޮތްގޮތުން ސްރީލަންކާއަށް 2.4 ބިލިއަން އެމެރިކާ ޑޮލަރުގެ މާލީގެ އެހީ ކަނޑައެޅުމުގެ އިތުރަށް، މިވަގުތަށް ސްރީލަންކާއަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އިންޑިއާއިންވަނީ ނިންމާފައެވެ.

ސްރީލަންކާއަސް ތެޔޮ ލިބުން ދަތިވެ، އެގައުމުގެ ބައެއް ހިސާބުތަކުގެ އިންޖީނުގެތައްވެސް މިހާރުވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި، ސްރީލަންކާ މިހާރުމިއޮތް ހާލަތަށް ވެއްޓުނީ، ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ގައުމު ހިންގަން ނޭނގުމުގެ ސަބަބުން ކަމަށެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ސްރީލަންކާ މިހާރު މިސްރާބު ޖަހާފައިވަނީ ދެން އަންނަ ސަރުކާރަކަށްވެސް ގައުމު އަލުން ކޮޅަށްޖަހަން އުނދަގޫ ފައްތަރަކާ ދިމާއަށް ކަމަށެވެ.

ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ގެންދަނީ ސަރުކާރު ހިންގުން ރަނިލްއާ ހަވާލުކުރުމަށެވެ.