ބްރޯޑްކާސްޓް ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނު މަހަވާރްއާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ މަޝްވަރާކުރައްވައިފިއެވެ.

އިންޑިއާ ހައިކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ބްރޯޑްކާސްޓް ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ފަންނީ މީހުން އުފެއްދުންކަން ފާހަގަކުރައްވާ، އެކަމާ ގުޅޭގޮތުން އިންޑިއާ ހައިކޮމިޝަނާ ގުޅިގެން، އިންޑިއާ ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުމަށް ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އެދިވަޑައިގެންފައި ވާކަމަށް އެކޮމިޝަނުން ބުނެއެވެ.

މި ބައްދަލުވުމުގައި ބްރޯޑްކާސްޓް ދާއިރާ ހަރުދަނާކުރުމަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް ސަފީރުގެ އަރިހަށް އަރުވާފައިވެއެވެ.

ކޮމިޝަނުން ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ކުރަމުންދާ ކަންކަމާއި، ބްރޯޑްކާސްޓް ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރައްވާ، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ކޮމިޝަންގެ ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މީގެއިތުރުން، ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސަފީރު މުނު މަހަވާރް ވަނީ ތަރައްޤީގެ އެކި މަސައްކަތްތަކުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދޭން ބޭނުންވާކަމަށާއި، ކޮމިޝަނުން އެދިފައިވާގޮތަށް ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، މިގޮތުން ކޮމިޝަނުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައިވާ ކަންކަމަށް އިސްކަންދެއްވައިގެން އެ މަސައްކަތްކުރައްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.