ރާއްޖެއިން ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މިއަދު މިއީ ކޮވިޑުގެ ބިރުވެރިކަން ކުރިމަތިވިފަހުން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހަށް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ބުދަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 6،598 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓީވްވީ 2،199 ސާމްޕަލް ކަމަށެވެ.

މިއަދުގެ ކުރިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަމަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި 20 ވަނަ ދުވަހު އެވެ. އެދުވަހު 2194 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

މިއަހަރު ފެށުނުފަހުން ރާއްޖެއިން ޕޮޒިޓިވްވާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާއިރު ބުދަ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި 2137 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ މިހާރު ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވް ކޭސް ރިޕޯޓުކުރެވުނު ދުވަސްވެސްމެއެވެ.

އަލަށް ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 1،348 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 531 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 83 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ.

އަލަށް ޕޮޒިޓިވްވި 2،199 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 110،931 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 1,232 މީހުންނެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 100،112 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 10،537 ގައެވެ. މީގެތެރެއިން 43 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް 34 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، ހާލަތު ގޯހުންގޯހަށް ދިއުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ރެސްޓްރިކްޝަން ލެވަލް އޮރެންޖުން ރަތަށް ބަދަލުކޮށްފައެވެ.

ކޮވިޑް-19ގަ ރާއްޖެ މިހާތަނަށް ތަހައްމަލްކޮށްފައިވާ ބަލިމަޑުކަމަށްވުރެ މިހާރު ކުރިމަތިލާފައިވާ ރާޅުން ނުރައްކާބޮޑުވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭގެ އެޕިޑިއޮމޮލޮޖިސްޓް ޑރ.އިބްރާހިމް އަފްޒާލް ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ބުރާސްފަތި ދުވަހު އެކަނިވެސް ކޮވިޑް ބަލީގައި 4 މީހަކު މަރުވެފައިވެއެވެ. އެޗްޕީއޭ އިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބުރާސްފަތި ދުވަހު ކޮވިޑް ބަލީގައި މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހަކާއި، ލާމު ކޮވިޑް މެނޭޖްމެންޓަ ފެސިލީޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހުންގެ އިތުރުން އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 269 އަށް އަރާފައެވެ.