ވޭތުވެދިޔަ 2021 ވަނަ އަހަރަކީ ހައިކޯޓުގެ ތާރީޚުގައި އެންމެ ގިނަ މައްސަލަ ނިންމި އަހަރުކަން އެކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހައިކޯޓުން އާންމުކޮށްފައިވާ ނިމިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 672 މައްސަލައެއް ވަނީ ނިންމާފައެވެ. 2021 ވަނަ އަހަރު އެކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 625 މައްސަލައެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ހައިކޯޓުގައި ނުނިމި ޖުމްލަ 679 މައްސަލަ އޮތެވެ. އެއީ 2017 ވަނަ އަހަރު ނުނިމި އޮތް ދެ މައްސަލައާއި، 2018 ވަނަ އަހަރު ނުނިމި އޮތް 21 މައްސަލައާއި، 2019 ވަނަ އަހަރު ނުނިމި އޮތް 186 މައްސަލައާއި 2020 ވަނަ އަހަރު ނުނިމި އޮތް 141 މައްސަލާއާއެކު މިދިޔަ އަހަރު ނުނިމި އޮތް 329 މައްސަލައެވެ.

އިތުރު ތަފާސްހިސާބުތަކަށް ބަލާއިރު، މަދަނީ މައްސަލަތަކުގެ 325 މައްސަލައެއް އެ ކޯޓުން ނިންމާފައިވެއެވެ. އަދި ޖިނާއީ 214 މައްސަލައަކާއި، ވަޒީފާއާއި ގުޅުންހުރި 67 މައްސަލައަކާއި، އާއިލީ މައްސަލަތަކުގެ 18 މައްސަލަ ހިމެނެއެވެ.

މިދިޔަ އަހަރު އެންމެ ގިނަ އަދަދަކަށް މައްސަލަ ނިންމާފައިވަނީ މާރޗް މަހުއެވެ. އެމަހު ޖުމްލަ 100 މައްސަލައެއް ނިންމާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭ ކޯޓެވެ. އަދި ހަމަ އެހެންމެ ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުހަލާގެ ކޯޓަކީ ހައިކޯޓު ކަމުގައި ކަނޑައަޅާފައިވާ އެންމެހައި މައްސަލަތައް ވެސް ބަލާނީ ހައިކޯޓުންނެވެ.

ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއި އެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ.