ޕާކިސްތާނުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 7،000 އަށްވުރެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
މިއީ، ކޮވިޑްބަލި ފެނުނުފަހުން އެގައުމުން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރު ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ޕާކިސްތާނުގައިވެސް އޮމިކްރޮން ހަލުވި ކަމާއެކު ފަތުރެމުންދާތީ، އޮމިކްރޮން ހުއްޓުވަން ސަރުކާރުން މިއަދުން ފެށިގެންވަނީ އައު ފިޔަވަޅުތައް އަޅަން ފަށާފައެވެ.
ޕާކިސްތާނުގެ ނޭޝަނަލް ކޮމާންޑް އޮޕަރޭޝަން ސެންޓަރުން މިއަދު ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 7،678 މީހުން ކޮވިޑަށް އަލަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، ޕޮޒިޓިވިޓީ ރޭޝިއޯ 12.93 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕާކިސްތާނުން އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ، ޕާކިސްތާނުގެ އެންމެބޮޑު ރަށް ކަމަށްވާ ކަރާޗީންނެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕާކިސްތާނުން ކޮވިޑް ބަލީގައި 23 މީހުން ވަނީ މަރުވެފައެވެ.
އޮމިކްރޮންގެ ސަބަބުން ޕާކިސްތާނުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭން ފެށުމާ ގުޅިގެން ޕާކިސްތާނުން މިއަދުން ފެށިގެން ވަނީ، ޕޮޒިޓިވް ރޭޓް 10 އިންސައްތައިން މަތީގައި އުޅޭ ޕާކިސްތާނުގެ އެއްވެސް އަވަށެއް، ސިޓީއެއްގެ ކެފޭ، ރެސްޓޯރަންޓްތަކުގެ އެތެރޭގައި ކެއިން ބުއިމުގެ ޚިދުމަތް ދިނުން މަނާކޮށްފައެވެ.
ޕާކިސްތާނު ސަރުކާރުން މިހާރުވަނީ އުމުރުން 30 އަހަރުން މަތީގެ އެންމެންނަށް ބޫސްޓަރ ޑޯޒް ޖެހުމުގެ ހުއްދަ ދީފައެވެ.
އަދި އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިން ސްކޫލަށް ހާޟިރުވުމަށް ވެކްސިންޖެހުން މަޖުބޫރު ކޮށްފައިވާއިރު، ސްކޫލްތަކަށް ދަރިވަރުން ހާޟިރު ކުރަންވާނީ 50 އިންސައްތަ މަދު މިންވަރަށް ކަމަށްވެސް ކަނޑައަޅާފައި ވެއެވެ.
ޕާކިސްތާނުގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 މިލިއަން މީހުން ވެކްސިންގެ ދެޑޯޒް ޖަހާފައި ވެއެވެ. މިއީ، މުޅި އާބާދީގެ 32 އިންސައްތައެވެ.
ކޮވިޑްޖެހޭ މީހުންގެ އަދަދުތައް ޕާކިސްތާނުގައި މައްޗަށްދާއިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދުތައްވެސް މަތިވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިކަމާ ގުޅޭގޮތުން ޕާކިސްތާނުގެ އަގާ ޚާން ޔުނިވަރސިޓީ ހޮސްޕިޓަލްގެ އެސޯސިއޭޓް ޕްރޮފެސަރ ފައިސަލް މަހްމޫދު ވިދާޅުވީ، ކޭސްތައް ބޮޑަށް އިތުރުވެގެން ދިޔައީ، ޕާކިސްތާނުގައި މިހާރު ކުރިއަށްދާ ކައިވެނީގެ މޫސުމުގެ ސަބަބުން ކަމަށެވެ.