ކަންކަން ނިންމުމުގަ އެމްޑީޕީގެ ވިސްނުމާއި ކޯލިޝަންގަ ހިމެނޭ އެހެން ޕާޓީތަކާ ބައެއް ފަހަރު ތަފާތުވާ ކަމަށް ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ކޯލިޝަން ހަދައިގެން ސަރުކާރު ހިންގުމުގަ ރައީސް ސާލިހަށް އޮތް ދަތިތަކާ ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ޔާސިރު ވިދާޅުވީ 2018 ވަނަ އަހަރުގެ ސަރުކާރުން ވެރިކަމަށް އައީ ކޯލިޝަން ހަދައިގެން ކަމަށާއި ވެރިކަމުގެ 40 އިންސައްތަ ހިއްސާ ކުރަނީ އެމްޑީޕީން ކަމަށެވެ.

އިތުރު އެހެން ޕާޓީތަކާއެކު ވެރިކަން ކުރާއިރު ދަތިތަކެއް ހުރެދާނެކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ކޯލިޝަން ސަރުކާރެއް ހިންގާއިރު އެމްޑީޕީ ބޭނުންވާ ސްޕީޑުގަ ނުވަތަ ކުރަން ބޭނުންވާ ބައެއް ކަންކަން ނުކުރެވިދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ވިސްނުމާއި ބައެއް ކަންކަމުގަ ޚިޔާލުތަފާތުވެދާނެ. ބައެއް ކަންކަމުގަ ޚިޔާލު ތަފާތުވޭ އެހެން ޕާޓީތަކުން. މިސާލަކަށް މަސްވެރިކަމުގެ ގާނޫނޫ. މަސްވެރިކަމުގެ ގާނޫނުގަ މަސްވެރިކަމާ ބެހޭގޮތުން އަޅުގަނޑުމެން ދެކޭ ފަލްސަފާއާ އަޅުގަނޑުމެން ދެކޭ ގޮތާއި އެހެން ޕާޓީތަކާއި ޚިޔާލު ތަފާވެދާނެ. އަދި އެ ބޭފުޅުންނަށް އެ މަންޒަރުވެސް ނުފެނިދާނެ. އެހެންކަމުން އެކަހަލަ ކަންތައްތަކުގަ ދަތިތަކެއް ހުރެދާނެ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ މަޖިލީހުން މިއަދު ރައީސުލްޖުމްހޫރިއްޔާއަށް ދޭންޖެހޭ ހުރިހާ ސަޕޯޓެއް ދެމުން އެބަދެވޭކަން. އަދި ދެމުން ދާނެކަން. އެހެންކަމުން އަޅުގަނޑުމެން ދާނީ ކުރިއަށް."
ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް

މެމްބަރު ޔާސިރު ވިދާޅުވީ އެމްޑީޕީ ނޫން އެހެން ޕާޓީތަކަށް ފުރުސަތުދީފަ އޮތީ ވަރަށް ބޮޑުކޮށް ކަމަށާއި އެގޮތުން އެހެން ޕާޓީތަކަށް 60 އިންސައްތަ ދީފައިވާ ކަމަށެވެ.

އަދި މަޖިލީހުގަ އެންމެ ގޮނޑިއެއް ނެތް ޕާޓީތަކަށްވެސް 20 އިންސައްތަ އެމްޑީޕީން އޮތީ ދީފައިކަން ފާހަގަކުރައްވާ ޔާސިރު ވަނީ ހަގީގަތުގަ އެހާ ބޮޑު އިންސައްތައެއް އެހެން ޕާޓީތަކަށް ދޭން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކޯލިޝަން ހަދަން މަޖުބޫރުވީ އޭރުގެ ހަލަތަށް ބަލާއިރު އެ ނޫންގޮތެއް ނެތިގެން ކަމަށާއި އެގޮތުން ހައްޔަރުކޮށްފަ ތިބި ލީޑަރުންނާއި ރައްޔިތުން ބިރުވެރިކަމުން ސަލާމަތްކުރަން ކަމަށްވެސް މެމްބަރު ޔާސިރު ވިދާޅުވިއެވެ.