އިންސާނެއްގެ ގައިގައި ކޮވިޑްބަލި ހުރިކަން އެކްސްރޭއެއް ނަގައިގެން ދެނެގަންނާނެގޮތް ސްކޮޓްލެންޑްގެ ސައިންސްވެރިންގެ ޓީމަކުން ހޯދައިފިއެވެ.

އެކްސްރޭއެއް ނަގައިގެން ހަދާ މި ޓެސްޓުން އިންސާނެއްގެ ހަށިގަނޑުގައި ކޮވިޑްބަލި ހުރިކަން ދެނެގަންނަނީ އާރޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޕްރޮގްރާމް މެދުވެރިކޮށެވެ.

އެކްސްރޭ ނަގައިގެން ހަދާ މި ޓެސްޓް ތަރައްގީކޮށްފައިވަނީ ޔުނިވަރސިޓީ އޮފް ވެސްޓް ސްކޮޓްލެންޑްގެ ސައިންސްވެރިންގެ ޓީމަކުންނެވެ.

އެ ޓީމުން ބުނެފައިވަނީ، މިއީ 98 އިންސައްތަ އިފެކްޓިވް ޓެސްޓެއް ކަމަށެވެ.

މިއީ، ކޮވިޑްބަލި ހުރިތޯ ދެނެގަތުމަށް މިހާރު ހަދާ ޕީސީއާރް ޓެސްޓަށްވުރެ އެތައްގުނަ އަވަސް ޓެސްޓެއް ކަމަށްވެސް، މިޓެސްޓް އީޖާދުކުރި ސައިންސްވެރިން ބުނެއެވެ.

މީހެއްގެ ގައިގައި ކޮވިޑްބަލި ހުރިތޯ ދެނެގަތުމަށް މިހާރު ހަދާ ޕީސީއާރްގެ ޓެސްޓުގެ ނަތީޖާ ލިބެން އެތައް ގަޑިއިރެއް ނަގައެވެ.

ޔުނިވަރސިޓީ އޮފް ވެސްޓް ސްކޮޓްލެންޑްގައި، އެކްސްރޭއެއް ނަގައިގެން ކޮވިޑް ހުރިކަން ދެނެގަތުމުގެ ޓެސްޓް އީޖާދުކުރި 3 ސައިންސްވެރިންގެ ޓީމުގައި އިސްކޮށް ހުންނެވި ޕްރޮފެސަރ ނައީމް ރަމްޒާން ވިދާޅުވީ، ކޮވިޑްބަލި ހުރިކަން ވީހާވެސް އަވަހަކަށް ދެނެގަނެވޭފަދަ އިތުބާރު ކުރެވޭ ގޮތެއް ހޯދުމުގެ ބޭނުން ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

"ކޮވިޑް ޖެހިފައި ހުރިކަން ދެނެގަތުމަށް އިތުބާރު ހުރި އަވަސް ޓޫލެއް ހޯދައިޖެހިފައި އޮންނަތާ ކިތަންމެ ދުވަހެއް. އޮމިކްރޮން ވޭރިއެންޓް ފެތުރޭން ފެށުމުންވެސް މިފަދަ ޓޫލެއްގެ ބޭނުން އިތުރަށް ބޮޑުވެގެން ގޮސްފައިވޭ"
ޕްރޮފެސަރ ނައީމް ރަމްޒާން

ޕްރޮފެސަރ ރަމްޒާން ވިދާޅުވީ، އެކަށީގެންވާ ޓޫލްސް ނެތުމުގެ ސަބަބުން، ދުނިޔޭގެ ގިނަ ގައުމުތަކަށް އެއްފަހަރާ ކޮވިޑްގެ ގިނަ އަދަދެއްގެ ޓެސްޓުތައް ހެދުމަކީ ދަތިކަމަކަށް ވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް، އޭނާގެ ޓީމުން އީޖާދުކުރި ޓެސްޓަކީ އެކްސްރޭ ޓެކްނޯލޮޖީ ބޭނުންކޮށްގެން ވަރަށް ފަސޭހައިން، ވަރަށް އަވަހަށް ކޮވިޑް ވައިރަސް ހުރިކަން ދެނެގަނެވޭނެ ޓެސްޓެއް ކަމަށް ޕްރޮފެސަރ ރަމްޒާން ވިދާޅުވިއެވެ.

ޓެސްޓުތަކުން ބަލިމީހާގެ ބަލީގެ ހާލަތު އަވަހަށް އެނގުމަކީ، ދޭންޖެހޭ ފަރުވާ ވަގުތުން އެނގި ފުރާނަ ސަލާމަތް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ޕްރޮފެސަރ ނައީމް ރަމްޒާން ވިދާޅުވިއެވެ.

އެހެން ނަމަވެސް، ކޮވިޑްބަލީގެ ކުރީކޮޅު އެކްސްރޭ ޓެސްޓު ހަދައިގެން މީހެއްގެ ގައިގައި ބަލީގެ އަލާމާތް ހުރިކަން ދެނެ ނުގަނެވޭ ކަމަށް ޕްރޮފެސަރ ރަމްޒާން ވިދާޅުވިއެވެ. އެހެންވެ، ޕީސީއާރް ޓެސްޓް މުޅިން އެއްކޮށް ހުއްޓާލައިގެން ފަރުނުޖެއްސޭ ކަމަށް ވިދާޅުވިއެވެ.