ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ރެކޯޑް މިންވަރަކަށް އުފުލުމާއެކު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން ވިއްކާ ތެލުގެ އަގު ބޮޑުކުރުމާއެކު, މިހާރު މަސް ދޯނިތަކަށް އެކުންފުނިން ޑީސަލް ލީޓަރެއް ވިއްކާނީ 12.08 ރުފިޔާއަށެވެ. މިއީ ކުރީގެ އަގާ ބަލާއިރު 3.05 ރުފިޔާގެ ބޮޑުވުމެކެވެ. އަދި އާއްމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ ކުރިން ވިއްކި އަގަށް ވުރެ 1.07 ރުފިޔާ ބޮޑުކޮށް 14.26 ރުފިޔާއަށެވެ.

މިފްކޯއިން ވިއްކާ ޑީސަލްގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. އެފަހަރުގެ ބަދަލުތަކާއެކު މިއަދާހަމައަށް މަސްވެރިންނަށް މިފްކޯއިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 9.03 ރުފިޔާއަށެވެ. އަދި އާއްމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 13.19 ރުފިޔާއަށެވެ.

މިފްކޯއިން ޑީސަލްގެ އަގު ބޮޑުކޮށްފައި ވާއިރު، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމުންވެސް ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ.

އެފްއެސްއެމުން ތެލުގެ އަގު ބޮޑުކުރުމާއެކު މިހާރު ޑީސަލް ލީޓަރެއް ލިބެންހުރީ 12.44 ރުފިޔާއަށެވެ. އަދި އެފްއެސްއެމުން ޕެޓްރޯލް ވިއްކަމުން އަންނަނީ ލީޓަރެއް 12.06 ރުފިޔާގެ ރޭޓުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފީފާއެއް 87.35 ޑޮލަރު (1،346ރ)ގައެވެ.