ވެރިރަށް މާލޭގައި ގިނަ ބަޔަކު ކުރަމުން ގެންދިޔަ "ގާޑިޔާ" ވިޔަފާރި ހުއްޓުމަކަށް އައިތާ ގިނަ ގިނަދުވަސްތަކެއް ވެއްޖެއެވެ.

ނަމަވެސް، ހުޅުމާލޭ އުތުރު އަވަށުގައި މީހުން އާބާދުވާން ފެށުމުން، އެ ތަނުގައި ގިނަ ބަޔަކު މިވަނީ މި ކޮންސެޕްޓަށް އަނެއްކާވެސް ވިޔަފާރިތަކެއް ފަށާފައެވެ. އެއްބަޔަކު ހިޔާ ޓަވަރުތަކުގެ ބޭރަށް މޭޒުތައް ނެރިގެންނެވެ. އަނެއް ބަޔަކު ޕިކަޕުތަކުގައެވެ. ބައެއް މީހުން މި ވިޔަފާރިކުރަނީ ސީދާ މާލޭން ތަކެތި ގެންގޮސްގެންނެވެ.

ހެދިކާ، މޮޅުބިލެތް، ކުރުނބާ، މަޖާ، މިހެން ގޮސް މީގެ ކުރިން މާލޭގައި ހިންގި ގާޑިޔާތަކުން ލިބޭ ހުރިހާ އެއްޗެއްހެން އެ ތަނުގައި އެބަ ވިއްކައެވެ. މިއީ އާމްދަނީ ހޯދަން ކޮށްލަން ސަޅި މަސައްކަތެކެވެ. ހާއްސަކޮށް ކެފޭ/ރެސްޓޯރެންޓްގެ ޚިދުމަތް ނުލިބޭ ސަރަހައްދެއްގައި މިގޮތަށް ވިޔަފާރިކުރުމުން ފައިދާ ނެގުމުގެ ފުރުސަތު ބޮޑެވެ.

އެކަމަކު، މިގޮތަށް މިވިޔަފާރި ކުރާނަމަ ނުކުމެދާނެ ގޯސް ނަތީޖާތަކެއް އެބަހުއްޓެވެ. ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދަކީ ގިނަ އަދަދެއްގެ ކޮންސްޓްރަކަޝަން މަސައްކަތްތައް ކުރިއަށްދާ ސަރަހައްދަކަށް ވާއިރު ތަނުގެ ވައި އަބަދު ވެސް އޮންނަނީ ވަރަށް ނުސާފުކޮށެވެ. ލަކުޑިނުވަތަ ސިމެންތި ކުނޑިއާއި ހިރަފުހާއި ވެލިން ވައި ތަޣައްޔަރުވެފައި ވާތީ އެ ސަރަހައްދުގައި ލޯ ހުޅުވާލުމަކީ ވެސް ގިނަ ފަހަރު އުނދަގޫ ކަމެކެވެ.

ސުވާލަކީ މިހާ ވައި ނުސާފު ތަނެއްގައި ކާބޯތަކެތި ވިއްކާ ނަމަ، އޭގެ އަސަރު ކާތަކެއްޗަށް ނުކުރާނެތޯއެވެ؟ ނޫނެކެވެ. ކުރާނެއެވެ، ތަށިތަކުގައި މަތި ޖަހާފައި ހުރި ނަމަވެސް ކަސްޓަމަރަށް ސާވްކުރުމުގެ ތެރޭގައި މަތި ހުޅުވަން ޖެހޭނެތާއެވެ. އެކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި ވެސް ނުސާފުވައިގެ ތެރެއިން އެތައް ނަޖިހަކާއި ޖަރާސީމެއްގެ އަސަރު ކާތަކެއްޗަށް ކުރާނެއެވެ.

ފޮޓޯ: ސަން އޮންލައިން

ދެން އަނެއް ކަމަކީ ކާ ތަކެއްޗަށް މެހި އެޅުމެވެ. ވީމީޑިއާގެ ނޫސްވެރިން ބެލިބެލުމުން ސަރަހައްދަކީ މެހި ގިނަ ސަރަހައްދެކެވެ. އޭގެ އުނދަގޫ އެ ތަނުގައި ކާތަކެތި ވިއްކާ ފަރާތްތަތަކަށް ޖެހެއެވެ. އެހެންވެ، މެހި ފައްސަން އެ ވެރިން ތިބޭ މަންޒަރު އަޅުގަނޑުމެންގެ ނޫސްވެރިންނަށް ފެނިފައި އެބަ ހުއްޓެވެ. ނޫސްވެރިން ހެދިކާއެއް ކާލުމަށް މޭޒަކަށް ކައިރިވެލުމުން ފެނުނީ ހެދިކާ ތަށިތަކުން ހުސް މެއްސޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހެދިކާ ތަކުގައި މެހި ޖައްސަމުން ދިޔައެވެ. ހާއްސަކޮށް ފޮނި ހެދިކާ ތަކުގައި މެހި ޖައްސާ އަދަދު ގިނަކަން ފާހަގަ ކުރެވުނެވެ.

އެމެރިކާގެ ޔުނިވާސިޓީއެއް ކަމުގައިވާ ޕެންސްޓޭޓް އެލްބަލީ ކޮލެޖް އޮފް ސައިންސްގެ ރިސާޗް ޓީމަކުން ކުރި ދިރާސާއަކުން އެނގިފައިވާ ގޮތުގައި، މެހި މާބުރު އެންމެ ގިނައިން ބެކްޓީރިއާ އުފުލަނީ އޭގެ ފައިންނެވެ. އަދި ކާއެއްޗެއްގައި އެންމެ ފަހަރަކު މެއްސެއް ޖެއްސުމުންވެސް އެ އެއްޗަކަށް ބެކްޓީރިއާ ދައުރުވުން އެކަށީގެންވެއެވެ.

ގިނަ ބަޔަކަށް މީގެ ނުރައްކާތެރިކަން ނޭނގެނީ ކަމަށް ވެދާނެއެވެ. އެ މޭޒުން ހެދިކާ ގަނެގެން ކެއި މީހުން މަދެއް ނޫނެވެ.

ސާފުތާހިރުކަމުގެ މިންގަނޑުތަކާ ޚިލާފަށް އެ ތަނުގައި މި ވިޔަފާރިކުރަމުންދާއިރު ކަމާ ބެހޭ ވުޒާރާތަކަށް ފެންނަ ކަމަކަށް ވެސް ނުވެއެވެ. އެޗްޑީސީން ބުނީ އެކަން މަނާ ނުކުރާ ކަމަށެވެ. ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް އެނގޭ ކަމަކަށް ވެސް ނުވިއެވެ.