ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލްކެޝަނަށް ކެމްޕެއިން ކުރައްވާއިރު، އިންތިޙާބުތަކާ ގުޅޭގޮތުން ރާއްޖޭގައި ހެދިފައިހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ގޮވާލައިފިއެވެ.

އިންތިޚާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކަށް ފާޑުކިޔައި އެމްއާރްއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެކި ޕާޓީތަކުން ފޯރިއާއެކު ކެމްޕެއިން ކުރަމުންދާއިރު، ގާނޫނުތަކާއި ގަވާއިދުތަކަށް ފުށުއަރާ ގިނަ ކަންކަން ފެންމަތިވަމުންދާ ކަމަށާއި، އިންތިޙާބުގެ މާނަ އޮޅޭ މިންވަރަށް ރާއްޖޭގައި ބޭއްވި އިންތިޙާބުތަކުގައި ކަންކަން ހިނގާފައިވާކަމަށެވެ.

އެގޮތުން، އިންތިޙާބުތަކާ ގުޅުވައި، ރަށްރަށާއި ދާއިރާތަކަށް އަމާޒުކޮށްގެން އެކިއެކި މަޝްރޫއުތައް ހިންގުމާއި، ކެމްފެއިން ދުވަސްވަރު ކާޑުގެ ބާޥަތްތަކާއި، ކާބޯތަކެއްޗާއި، އިލެކްޓްރޯނިކް ސާމާނާއި، ނަގުދު ފައިސާ އަދި ހައްޖާއި އުމްރާ ދަތުރާއި، މަތީ ތައުލީމުގެ ފުރުސަތުތައް ފަދަ "ހަދިޔާ" ރައްޔިތުންނަށް ދޭން ވައުދުވާކަމަށް ބަޔާނުގައިވެއެވެ.

އަދި، ކެމްޕެއިނާ ދިމާކޮށް މަޖިލީހުގެ މަސްއޫލިއްޔަތާ ގުޅުންނެތް ވައުދުވާކަން ފާހަގަކޮށް އެމްއާރްއެމްއިން ބުނީ، އެ ކަންކަމަކީ ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ އެކިއެކި މައްސަލަތަކުގެ އަސްލާ ގުޅިފައިވާ ކަންކަން ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، ކެމްޕެއިން ކުރާ ހުރިހާ ޕާޓީތަކުންވެސ ްވަނީ ގިނަ މަޝްރޫތައް އިއުލާންކޮށް އެތައް ވައުދުތަކެއް ވެފައެވެ.

ޕާޓީގެ މި ބަޔާނުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރާކަން ހާމަވެގެން ދާއިރު، ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން މިއަހަރުގެ ބަޖެޓުގައި ނުވެސް ހިމެނޭ ގިނަ މަޝްރޫތަކެއް އިންތިޙާބާ ދިމާކޮށް އެދާއިރާގެ ރައްޔިތުން ކައިރި ވެފައިވާކަން ވާދަވެރި ސިޔާސީ ފަރާތްތަކުންވެސް ފާހަގަކުރެއެވެ.