އާދިއްތަ ދުވަހު ކުޅޭ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗުގެ ކުރިން، މުބާރާތުގެ ޗެމްޕިއަން ޓީމަށްދޭ ބޮޑު ޓްރޮފީ ހިއްޕަވައިގެން އަލިފުއްޓަށް ވަޑައިގެންނެވި ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް އަށް ހޫނު މަރުހަބާއެއް އެރަށުން ކިޔައިފިއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައިވެސް ވެރިރަށް މާލެއިން ބޭރުގައި މި މުބާރާތުގެ ފައިނަލް ކުޅޭ މިއީ ތިންވަނަ ފަހަރަށް ވާއިރު، ފައިނަލް މެޗަށް އަލިފުށިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވާން ފަށާފައެވެ.

މުބާރާތުގެ ފައިނަލް މެޗަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވެސް މިހާރު އަލިފުށްޓް ގޮސްފައިވާއިރު، މުބާރާތުގެ ކަންކަމާއި ގުޅުންހުރި ކޮންމެ ބަޔަކު އެރަށަށް ދިޔަ ކަމުގައިވީނަމަވެސް، އެރަށުގެ ރައްޔިތުން ވަނީ އެބަޔަކަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ.

މުބާރާތުގެ ޓްރޮފީ އާއިއެކު މިނިސްޓަރ މަހްލޫފް-

އެގޮތުން ފައިނަލްގައި ކުޅޭ ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށްވެސް އެރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލަށް އަލިފުށިން ވަމުން އަންނަ ތައްޔާރީތަކާ ބެހޭގޮތުން، ޕީއެސްއެމް އިން ގެނެސްދޭ "ރޯޑްޓުއަލިފުށި" ކައުންޓްޑައުން ޝޯގައި ވާހަަކަދައްކަމުން އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ ރަށުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކު ޕްރެޒިޑެންޓްސް ކަޕްގެ ތައްޔާރީތައް ވަރަށް ފުރިހަމަ އަށް ވަމުން އަންނަ ކަމަށެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު އަލިފުށީ ކައުންސިލާއި ޔޫތު މިނިސްޓްރީ އަދި އެފްއޭއެމްގެ އޮފިޝަލުން ވަނީ އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް ހޯސްޓް ކުރުމުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އާއި އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ޝާހު އިސްމާއިލް (ސާޔާ) އާއި އިސްމާއިލް ރިޔާޒް ބައިވެރިވެވަޑައިގެންނެވި އެވެ.

މިފަހަރުގެ ފައިނަލް މެޗު އަލިފުށީގައި ބާއްވާއިރު އަލިފުށީ ޓާފް ދަނޑަކީ މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ގާއިމްކޮށް، ތަރައްގީކޮށްފައިވާ ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑެކެވެ. ސަރުކާރުގެ ހަރަދުގައި އަލިފުށީގައި އެޅި ޓާފް ދަނޑު ނިމުނުކަން ރަސްމީކޮށް އިއުލާނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 16 ވަނަ ދުވަހު ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައެވެ. ޔޫތު މިނިސްޓްރީ އާއި އެފްއޭއެމުން ގުޅިގެން އަންނަނީ ފައިނަލް މެޗު ކުޅުމުގެ ކުރިން އަލިފުށީ ދަނޑުގައި ކުރަން ޖެހޭ އިތުރު މަސައްކަތްތަކެއް ނިންމަމުންނެވެ. އެ ގޮތުން ރޮސްޓްރަމްގެ މަސައްކަތާއި ޗޭންޖިމް ރޫމުގެ މަސައްކަތްތައް ކުރަމުން އަންނައިރު، ސަޕޯޓަރުން ތިބޭނެ ސަރަަހައްދުގެ ކަންކަން ވެސް އަންނަނީ ހަމަޖައްސަމުންނެވެ. އަލިފުށީގައި ފައިނަލް ކުޅޭތީވެ، ކައިރި ރަށްތަކުގެ ސަޕޯޓަރުން ވެސް މެޗު ބަލަން އަންނާނެ ކަމަށް ބަލާ، އެކަމަށް ވާންޖެހޭ ތައްޔާރީތައްވެސް މިހާރު އަންނަނީ ވަމުންނެވެ.

މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލްގައި ވާދަކުރާނީ މެޗަކުން ބަލިނުވެ ފައިނަލްގެ ޖާގައެއް ހޯދި އަދި އެއްވަނައިގެ ގޮތުގައި ފައިނަލަށް ދަތުރުކުރި ވެލެންސިއާއެވެ. އަދި ވެލެންސިއާ އާއި ދެކޮޅަށް ނުކުންނާނީ އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.

މި ދެޓީމުގެ ކުރިމަތިލުން ފެނިގެންދާ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އެފްއޭއެމް އިން ކުރިން ބުނިނަމަވެސް، ހޮނިހިރު ދުވަހުގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރައްވާފައެވެ.