ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދުކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެ ޕާޓިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ އެދިވަޑައިގަތުމުގެ މަތީން ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމާފައިވާކަމަށެވެ.

މި ސަރުކާރަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް، މިނިވަން ދިމިގްރާތީ ވެއްޓެއް ގާއިމްކޮށް ގައުމު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް، މާނަހުރި ފިޔަވަޅުތަކެއް އަޅައި، ހަމަހަމަ އުސޫލެއްގެ ދަށުން އަސާސީ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭ ސަރުކާރެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ރާޝިދަށް ތާއީދުކުރުމަށް އެ ޕާޓީން ނިންމާފައިވަނީ، ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެކަމަށް ފާހަގަކުރެވި، ރައީސް ސާލިހްގެ އަރިހުގައި އެ ޕާޓީން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތްކޮށްދެއްވާފައިވާތީއާއި، ގައުމާއި ރައްޔިތުންގެ އެންމެ އިސް މަސްލަހަތުތަކަށާއި ރާއްޖޭގެ ސިޔާސީ މަސްރަހާއި އެ ޕާޓީން ކުރިއަރުވާ ސިޔާސަތުތަކަށް ރިއާޔަތްކޮށް ކަމަށް އަދާލަތު ޕާޓީން ބުނެއެވެ.

އަދާލަތުން މިފަދައިން ނިންމާފައިވާއިރު، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީންވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. ނަމަވެސް އެމްއާރްއެމްއިން ވަނީ ރާޝިދަށް ތާއީދު ނުކުރާ ފަދަ މޭރުމަކުން ބަޔާނެއް ނެރެފައެވެ.