ރާއްޖެއިން ކޮވިޑް-19 އަށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ދުވަހުގެ ރެކޯޑް އައުވެ، ކޮވިޑުގެ ބިރުވެރިކަން ކުރިމަތިވިފަހުން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހަށް މިއަދު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ އާންމުކުރި ތަފާސްހިސާބުަތަކށް ބަލާއިރު، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނު 7،574 ސާމްޕަލްގެތެރެއިން ޕޮޒިޓީވްވީ 2،349 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދުގެ ކުރިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަމަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެދުވަހު ރާއްޖެއިން 2،199 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އަލަށް ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 1،325 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 681 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 54 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ.

އަލަށް ޕޮޒިޓިވްވި 2،349 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 114،977 އަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 849 މީހުންނެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 100،811 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 11،535 ގައެވެ. މީގެތެރެއިން 49 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިހާރު 36 އިންސައްތައިގައި ހުރިއިރު، ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، ހާލަތު ގޯހުންގޯހަށް ދިއުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ރެސްޓްރިކްޝަން ލެވަލް އޮރެންޖުން ރަތަށް ބަދަލުކޮށްފައެވެ.

ކޮވިޑް-19 ގައި ރާއްޖެ މިހާތަނަށް ތަހައްމަލްކޮށްފައިވާ ބަލިމަޑުކަމަށްވުރެ މިހާރު ކުރިމަތިލާފައިވާ ރާޅުން ނުރައްކާބޮޑުވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.