އަފްޣާނިސްތާނުގައި ހުރި 800 އަހަރުވީ މުންނާރެއް ވެއްޓިދާނެކަމުގެ ބިރު އުފެދިއްޖެއެވެ.

މި މުންނާރު ވެއްޓިދާނެ ކަމުގެ ބިރު އުފެދުނީ، މިދިޔަ ހޯމަދުވަހު އަފްޣާނިސްތާނަށް އައި ދެ ބިންހެލުމުގައި މުންނާރަށް ގެއްލުންތައް ލިބިފައިވާތީއެވެ.

އަފްޣާނިސްތާނުގެ މެދުތެރޭ ޕްރޮވިންސެއް ކަމަށްވާ ޣޫރުގައި ހުންނަ 65 މީޓަރު އުސް މި މުންނާރަކީ އިސްލާމީ އާކިޓެކްޗަރގެ އެންމެ މަތީ ފަންތީގެ ނަމޫނާއެއްގެ ގޮތުގައި ބެލެޥެމުން އަންނަ މުންނާރެކެވެ.

އަދި މިމުންނާރަކީ ޔުނެސްކޯއިން އެކަށައަޅާފައިވާ ދުނިޔޭގެ ހެރިޓޭޖް ލިސްޓުގައިވެސް ހިމެނޭ ތަނެކެވެ.

އޮފިޝަލުން ވިދާޅުވަނީ، ހޯމަދުވަހުގެ ބިންހެލުމުގެ ކުރިންވެސް މި މުންނާރަކީ ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައިވާ ތަނެއް ކަމަށެވެ.

ޣޫރު ޕްރޮވިންސްގެ އިންފޮމޭޝަން އެންޑް ކަލްޗަރ ޑިޕާޓްމަންޓުގެ އޮފިޝަލެއް ކަމަށްވާ އަބްދުލް ހާއި ޒައީމް ވިދާޅުވީ، ބިންހެލުމުގެ ސަބަބުން މުންނާރު އިތުރަށް ބަލިކަށިވެފައިވާ ކަމަށެވެ.

"ބިންހެލުމާ ގުޅިގެން މުންނާރުން ބައެއް ގާތަށް ނެއްޓި، އިތުރަށް ވަނީ އަރިއަޅާފައި. އިތުރަށް ސަމާލުކަން ނުދީފިނަމަ މުންނާރު ވެއްޓުމަކީ އެކަށީގެންވާކަމެއް"
އަބްދުލް ހާއި ޒައީމް

އެހެން ނަމަވެސް، ޔުނެސްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިންހެލުންތަކެއް އައި ނަމަވެސް، މުންނާރު ވެއްޓިދާނެ ވަރުގެ ގެއްލުމެއް ލިބުނު ކަމުގެ ސާފު ހެއްކެއް ލިބިފައި ނުވާކަމަށެވެ.

ހޯމަދުވަހު އައި ދެ ބިންހެލުމުގައި 22 މީހުން މަރުވެ، އަފްޣާނިސްތާނުގެ ހުޅަނގުގެ ބާދްޣިސް ޕްރޮވިންސްގެ އެތައްސަތޭކަ އިމާރާތެއް ހަލާކުވިއެވެ.

މި ބިންހެލުންތަކުގެ ލޮޅުންތައް މުޅި އަފްޣާނިސްތާނަށް އެރިކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މި ބިންހެލުމުގައި ގެއްލުންތައް ލިބުނު ކަމަށް ބުނާ މުންނާރަކީ އަފްޣާނިސްތާނުގައި ރަސްކަންކުރި ސުލްތާން ޣިޔާޘުއްދީންގެ ރަސްކަމުގެ ދުވަސްވަރު، 12 ވަނަ ގަރުނުގައި އިމާރާތް ކޮށްފައިވާ މުންނާރެކެވެ.

ބިންހެލުންތަކާއި، ފެންބޮޑުވުމާއި، ވެލީގެ ތޫފާންތަކާއި، މޫސުން ގޯސްވުމުގެ އެތައްކަމެއް މުންނާރު ހުރި ސަރަހައްދު ތަޖުރިބާ ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، އެއިން ކޮންމެ ފަހަރަކު މުންނާރު ސަލާމަތްވެއެވެ.

މި މުންނާރާއި، އެ މުންނާރު ހުރި ގަދީމީ ބިމުގެ ސަރަހައްދު ޔުނެސްކޯގެ ހެރިޓޭޖް ލިސްޓުގައި ހިމަނާފައިވަނީ 2002 ވަނަ އަހަރުއެވެ. މިއީ، ޔުނެސްކޯގެ ލިސްޓުގައި ހިމެނުނު އަފްޣާނިސްތާނުގެ ފުރަތަމަ ތަނެވެ.