ޓީޗަރުންނަށް މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމުގެ ފުރުސަތު ލިބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކުރީގެ ވެރިކަމުގައި މޫނު ބުރުގާ އެޅި ޓީޗަރުން ވަޒީފާއިން ވަކިކޮށް މަގުމަތިކުރިކަމަށާއި ޓީޗަރުން މުނޫ ބުރުގާ އަޅައިގެން ކިޔަވައި ދިނުމުގެ ފުރުސަތު ލިބުނީ މި ވެރިކަމުގައި ކަމަށެވެ. އަދި ރައީސް ސޯލިހްގެ ވެރިކަން މާ ބޮޑަށް ވެސް ތަފާތު ކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ.

ޓީޗަރުން ކިޔަވައި ދެއްވާއިރު މޫނުބުރުގާ އަޅައިގެން ތިބުމާއި ގުޅޭ ބަހުސްގެ އަޑު އަނެއްކާވެސް ގަދަވެފައިވާއިރު ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ކިޔަވާ ދިނުމަށް ދަރިވަރުންނާ ބައްދަލުކުރާއިރު ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާންޖެހޭނެ ކަމަށް ބުނެފައެވެ.

އަދި މޫނު ބުރުގާ އަޅައިގެން ކިޔަވާދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅާތީ އެކަމާއި ގުޅޭގޮތުން އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލްތަކަކީ ދަރިވަރުންގެ މަސްލަހަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަންވެސް އޮންނަންޖެހޭ ވަކި ހާއްސަ ތަންތަންކަމަށެވެ. އަދި އެފަދަ ތަންތަނުގައި ކިޔަވާ ދިނުމަށް ދަރިވަރުންނާ ބައްދަލުކުރާއިރު ޓީޗަރުންގެ އައިޑެންޓިޓީ ޔަގީން ވާންޖެހޭނެކަމަށެވެ.

މީގެ އިތުރުން މިކަމާއި ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކިޔަވައިދޭ ވަގުތު ދަރިވަަރުންނަށް މޫނު ފެންނާނެހެން ތިބުމަށް އަންގާފައިވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ހަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަސީލަތަަކަށްވާތީކަމަށެވެ.

އެހެންކަމުން މޫނު ފެންނާނެހެން ތިބުމަށް އަންގާފައިވަނީ އެ ފުރުސަތުން ދަރިވަރުން މަހުރޫމްވިޔަ ނުދިނުމަށްޓަކައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.