އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
ނަމަވެސް ކޮވިޑް-19 ފެތުރެމުންދާ ވަރަށް ބަލައި, ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ހިއްސާދާރުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އުރީދޫން ބުނެއެވެ.
އެ ކުންފުނިން ބުނީ ފޯމު ހުށަހަޅަންޖެހޭ ވަގުތު ފާއިތުވިއިރު, ބައެއް ހިއްސާދާރުން ހުށަހަޅާފައިވާ ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅާފައި ނުވާ ކަމަށާއި އަނެއްބައި ފަރާތްތަކުގެ މަގާމުގެ ޝަރުތުތައް ހަމަ ނުވާ ކަމަށް ބުނެފައި ވެއެވެ.
އެހެންވެ ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ފުރިހަމަކޮށްފައިވާ ފޯމެއް ހުށަހެޅުމުގެ ހަމަހަމަ ފުރުސަތު އެކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް ފޯރުކޮށްދިނުމަށް ކަމަށް އަލުން ފުރުސަތު ހުޅުވާލީ ކަމަށް އެ ކުންފުނިން ބުނެއވެ.
މަގާމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ބޯޑު ޑިރެކްޓަރު ކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތަކުގެ ތެރެއިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނީ, ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީން ބަލައި, ޝޯޓްލިސްޓު ކުރާ ފަރާތްތަކެވެ.
މި މަގާމަށް ކުރިމަތިލާ ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރަކު އައްޔަންކުރާނީ އަންނަ މާޗުމަހު ބާއްވާ އަހަރީ އާންމު ޖަލްސާގައެވެ.
އުރީދޫގެ އާންމު ހިއްސާދާރުގެ ގޮތުގައި ހޮވާ މީހުން ދެއަހަރު ވަންދެން އެމަގާމު އަދާކުރަން ޖެހެއެވެ.