ށ. ފޯކައިދޫގައި ރޭ ބޭއްވި ކެމްފެއިން ޖަލްސާގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު (ރާޑޯ) އަށްވުރެން ބޮޑަށް ޕްރޮމޯޓު ވެފައިވަނީ އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް ޔާމީންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވެ ކުރެއްވި ޓުވީޓުގައިވަނީ، ފޯކައިދޫގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގެ ފޯކަސްގެއްލި ޕްރޮމޯޓް ވެފައިވަނީ ރައީސް ޔާމީން ކަމަށެވެ.
ރޭ ފޯކައިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރާއްޖޭގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ ދީދީއާއި އެމްޑީޕީގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިކެމްޕޭންގައި އަންނަ އަންގާރަ ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ސާލިހް ވަނީ ވީނިއުސްއަށް މައުލޫމާތު ދެއްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ މަހު 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއިންތިހާބުގައި އެމްޑީޕީއާއި ޕީޕީއެމްގެ އިތުރުން ދެން ވާދަކުރަނީ އެމްއެންޕީންނެވެ.