މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިނިސްޓަރ ޔުމްނާ މިކަން ހާމަކުރައްވާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު އެކަހެރިވެ ވަޑައިގެންފައިވާ ކަމަށެވެ.
އެކަމަނާ ވިދާޅުވީ، ހުމާއި ކަރުގަ ރިއްސުމާއި ރޯގާ އަދި ގައިގެ ރިއްސުން ހުރި ކަމަށެވެ.
އަދި އާއިލާއާމެދު ކަންބޮޑުވެވަޑައި ގަންނަވާކަމަށް ވިދާޅުވެ، ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި ހައި ރިސްކު މީހުން ބަލިން ރައްކާތެރިކުރުމަށް ސަމާލުވެ ފިޔަވަޅު އެޅުމަށްވެސް އިލްތިމާސް ކުރައްވާފައި ވެއެވެ.
މިނިސްޓަރ ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، މީގެކުރިން އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްވެސް ކޮވިޑަށް ޕޮޒިޓިވެ ފަރުވާ ހޯއްދަވާފައިވެއެވެ.
މިނިސްޓަރ ޔުމްނާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްވެސް އިއްޔެ ވަނީ އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރައްވާފައެވެ.