އެމްޑީޕީ މަސައްކަތް ކުރަނީ ރައްޔިތުންގެ ގާތަށް އައިސް ބޭނުންވާނެ ކަންކަން އޮޅުފިލުވައި, އެކަންކަން ކުރާނެ ކަމަށް ވައުދުވުމުގެ އުސޫލާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީ އުފެދި މަސައްކަތް ކުރަނީ ރައްޔިތުންގެ ގާތަށް އައިސް ބޭނުންވާނެ ކަންކަން އޮޅުފިލުވައި, އެކަންކަން ކުރާނެކަމަށް ވައުދުވުމުގެ އުސޫލާއެކު ކަމަށާއި އެމްޑީޕީގެ އުސޫލު އެއީ އިދިކޮޅުން ދަންނަ އެއްޗެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެވާހަކަ އިދިކޮޅަށް ނުދެއްކޭނެ ކަމަށާއި އިދިކޮޅުގެ ސިޔާސަތަކީ އެންމެން އެއްތަނަކަށް ޖަމާކޮށް ތޮއްޖެއްސުން ކަމަށެވެ.

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އުމްރާނީ ބިނާ ތަކަކުން ތަރައްގީ ވެދާނެކަމަށް ދެކެވޭ ވާހަކައަކީ ކުށްހީއެއް ކަމަށާއި އެއީ ހަގީގީ ތަރައްގީއެއް ނޫން ކަމަށެވެ. ތަރައްގީއަކީ މީހާއަށް އަންނަ ބަދަލުތައް ފާހަގަކުރައްވަން ކަމަށެވެ.

ހާސް ކަމެއްނެތި ދިރިއުޅެވޭނެ ގޮތެއް ވާންޖެހޭ ކަމަށާއި، އެދެނީ ޖީބަށް ވަންނަ ފައިސާ އިތުރުވާނެ ގޮތެއް ހޯދުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދަށްކަމުން ނަޝީދު ވިދާޅުވީ އިންތިޒަމްވެގެން ހިންގާ ސިޔާސީ ހަރަކާތް ހިންގަން ފެށުނީ އާންމު ހާލަތު ރަނގަޅު ކުރުމަށް ކަމަށާއި އަދިވެސް އެދެނީ އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދުމަށް ކަމަށެވެ.

އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ޕާޓީތަކުން ފޯރިއާއެކު ކެމްޕެއިން ކުރަމުން އަންނައިރު، އެމްޑީޕީގެ ކެމްޕެއިން ދަތުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

އެހެންނަމަވެސް އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މިދަތުރުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.