ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފިއެވެ.

މިއަދު މެންދުރު 13:00 ގައި ބާއްވަން ހަމަޖެހިފައިވާ ނޫސްވެރިންގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ އެޗްޕީއޭގެ އެޕިޑެމިލޮޖިސްޓު ޑރ. އިބްރާހީމް އަފްޒަލާއި ޕަބްލިކް ހެލްތު ޕްރޮގްރާމު މެނޭޖަރު އިމުއިނޭޒޭޝަން ޕްރޮގްރާމް ނާޝިޔާ އަބްދުލް ގަފޫރު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު ރާއްޖޭގެ ކޮވިޑްގެ ހާލަތު މިހާރުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 2،000 އިން މަތީގައެވެ.

ރާއްޖޭގައި ކޮވިޑު އަނެއްކާވެސް ހަލުވިކަމާއެކު ފެތުރި، ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ނިންމީ ބެލެވޭ ގޮޮތުގައި އައު ފިޔަވަޅުތަކެއް އިއުލާން ކުރުމަށެވެ.

ރާއްޖެއިން އިއްޔެވެސް 2،349 މީހުން ކޮވިޑަށް ޕޮޮޒިޓިވްވެފައިވެއެވެ. އަދި އެއާއެކު ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 114،977 އަށް ވަނީ އަރައިފައެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 13،035 ގައި އުޅޭ އިރު، 48 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓު ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

އަދި 7 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނައިރު 4 މީހަކަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ގެންދާކަމަށްވެސް އެޗްޕީއޭން ވަނީ ހާމަކޮށްފައެވެ.

މިއަދު މިބަލީގައި އުމުރުން 42 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާއިރު، ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ އަދަދު 270 އަށް ވަނީ އަރައިފައެވެ.