ފާދިއްޕޮޅު މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓްގެ ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އެ އެއާޕޯޓް ހިންގުމާ ހަވާލުވެފައިވާ އައިލެންޑް އޭވިއޭޝަން ސަރވިސްއިން އިއުލާންކޮށްފިއެވެ.

އެކުންފުނިން ކުރި އިއުލާނުގައި ބުނެފައިވަނީ އެއާޕޯޓުގެ 11 މަގާމަކަށް މީހުން ބޭނުންވާ ކަމަށެވެ.

ވަޒީފާއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކުންފުނީގެ ވެބްސައިޓުން ކަމާގުޅޭ ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

މީހުން ހޯދަން އިއުލާންކޮށްފައިވާ 11 މަގާމުގެ ތެރެއިން ހަތް މަގާމެއްގެ މައިގަނޑު ޝަރުތަކީ އޯލެވަލް ފެންވަރު ހާސިލްކޮށްފައިހުރުމެވެ.

ތިން މަގާމުގެ ޝަރުތަކީ ގްރޭޑް އަށެއްގެ ފެންވަރު ހުރުން ކަމުގައި ވާއިރު، އެއް މަގާމުގެ ޝަރުތަކީ ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.

މީހުން ހޯދަމުންދާ މަގާމުތައް:

 • ޕަވާ ހައުސް އެންޑް މެއިންޓަނަންސް ސްޕަވައިޒާ ޓްރެއިނީ
 • ޕަވާ ހައުސް އެޖެންޓް ޓްރެއިނީ
 • މެއިންޓަނަންސް ކޯޑިނޭޓަރު
 • ލައުންޖު އޭޖެންޓް
 • ލައުންޖު ހޭންޑް
 • އެއާޕޯޓް ހޭންޑް ޓްރެއިނީ
 • ކްލިޔާ ޓްރެއިނީ
 • ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓަރު
 • ލީޑިން ފަޔާމަން / ޑްރައިވާ އޮޕަރޭޓަރު
 • އެއާޕޯޓް ސާވިސަސް އެޖެންޓް ޓްރެއިނީ
 • އެއާޕޯޓް ސާވިސަސް އެގްޒެކްޓިވް

ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްގީކޮށްފައިވާ މި އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

މަޑިވަރު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިންގ ލިމިޓެޑާއި ގުޅިގެން ފަށާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އެ ކުންފުނިން ބުނީ އެއާރޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު ފެބުރުއަރީ މަހު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ. މަޑިވަރުގައި ތަރައްގީކުރާ އެއަރޕޯޓަށް ޑިސެމްބަރުމަހު ވަނީ ޓެސްޓް ފްލައިޓްވެސް ޖައްސާފައެވެ.

މިއެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި ފުލައިޓް ޕާކުކުރާނެ ސަރަހައްދެއްގެ އިތުރަށް އަލިފާން ނިއްވާ ފަރާތްތަކަށް ޚާއްޞަ އިމާރާތަކާއި ޒަމާނީ ފެންވަރުގެ ގިމަތައެއް ހުންނާނެއެވެ.

އައިލެންޑް އޭވިއޭޝަންގެ ފަރާތުން އަންނަނީ ބ. ދަރަވަންދޫ، ތ. ތިމަރަފުށި އަދި ރ. އިފުރުގައި ތިން ޑޮމެސްޓިކް އެއާރޕޯޓެއް ހިންގަމުންނެވެ.

މީގެއިތުރުން، އެކުންފުނިން ނ. މާފަރުގައި އިންޓަރނޭޝަނަލް އެއާޕޯރޓެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.