ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހަތަރުވަނަ ރާޅާއެކު އޮމިކްރޯން ވޭރިއެންޓް ފެތުރޭ މިންވަރު އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އޮމިކްރޯން އަށް ޓެސްޓްކުރަން މިހާތަނަށް 1،796 ސާމްޕަލް ފޮނުވާފައިވާ ކަމަށާއި، އޭގެތެރެއިން 74 ސާމްޕަލް އޮމިކްރޮންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެންމެ ފަހުން ޖެނުއަރީމަހުގެ 11 ވަނަ ދުވަހު ފޮނުވި 100 ސާމްޕަލްގެ ތެރެއިން 51 ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށްވެސް ޑރ. ވިދާޅުވިއެވެ.

ޑރ. ވިދާޅުވީ ރާއްޖޭގައި މިހާ ހަލުވިކަމާއެކު ކޮވިޑް ކޭސްތައް ފެތުރެން ފަށާފައިވާއިރު، މާލެ ސަރަހައްދުގެ އައުޓްބްރޭކް އަކީ އޮމިކްރޮންގެ އައުޓްބްރޭކެއްކަން ޔަގީންކަމަށެވެ.

އަދި ސާމްޕަލްތައް ބޭރަށް ފޮނުވައިގެން ޓެސްޓުކުރަމުން ދިޔަ ނަމަވެސް އެޗްޕީއޭއިން މިހާރު އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަނީ މިއީ އޮމިކްރޯންގެ އައުޓްބްރޭކެއް ކަމަށް ބަލައިގެން ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ބަލި ކޮންޓްރޯލްކޮށް ކޭސްތައް މަދުކުރުމަކީ އެންމެ މުއައްސަސާއެއްގެ އަތްމަތީގައިވާ ކަމެއް ނޫން ކަމަށާއި، އާންމުންވެސް ފަރުދީ ޒިންމާ އަދާކޮށް އެޗްޕީއޭގެ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.