ކުލަބެއްގެ ގޮތުގައި ކްލަބް ގްރީން ސްޓްރީޓްސްގެ އެންމެ ބޮޑު އަމާޒަކީ އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގެ ޖާގައެއް ހޯދުންކަމަށް އެކުލަބުގެ ކޯޗު، އަލީ ނިސްތާރު މުހައްމަދު ބުނެފިއެވެ.
ކުލަބުގެ ސޯޝަލް މީޑިއާ އެކައުންޓުގައި އާންމުކޮށްފައިވާ ކޯޗުގެ ބަޔާނުގައި ބުނެފައިވަނީ، މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ހިތްވަރާއި މެޗުތަކުގައި ދެއްކި މޮޅު ކުޅުމާއިމެދު ފަހުރުވެރިވާކަމަށެވެ.
އަދި ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅުން އެއީ ޓީމުން އަދި އަމިއްލަ އަށްވެސް ގެންގުޅުނު ޓާގެޓެއް ކަމަށާއި އެކަން ހާސިލްނުވުމުން ދެރަވިނަމަވެސް، މާޔޫސް ނުވާކަމަށް ކޯޗު ނިސްތާރު ބުނެފައިވެއެވެ.
ނިސްތާރު އިތުރަށް ބުނީ، އަލިފުށީ ފައިނަލް އަކީ އުންމީދެއް ކަމުގައިވީނަމަވެސް ހަގީގީ ޓާގެޓަކީ އޭއެފްސީ ކަޕުގެ ކޮލިފިކޭޝަންގެ ޖާގައެއް ހޯދުން ކަމަށާއި، ހިތުގައި އޮތް މި ޓާގެޓް ހާސިލްކުރުމަށް، ﷲ ގެ އިރާދަފުޅާއެކު މިންނެތް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ކޯޗު ދީފައިވެއެވެ.
މީގެއިތުރުން ކުލަބުގެ އެންމެ ބޮޑު ހިތްވަރަކީ ކުޅުންތެރިންނަށް ކެނޑިނޭޅި ސަޕޯޓުދޭ، ޓީމުގެ ސަޕޯޓަރުން ކަމަށާއި ގޮންޖެހުންތަކާއެކުވެސް ސަޕޯޓަރުންގެ އަޑު އިވުން އެއީ މުޅި ޓީމަށްވެސް ކުރިއަށްދާން ލިބުނު ހިތްވަރެއްކަން ނިސްތާރު ފާހަގަކުރިއެވެ.
މި ސީޒަނުގެ މިހާތަނަށް ކްލަބް ގްރީން ސްޓްރީޓްސްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު އެކުލަބުން ވަނީ ޕްރެޒިޑެންޓްސް ކަޕުގައި ކުޅުނު 7 މެޗުގެ ތެރެއިން 5 މެޗު ކާމިޔާބު ކޮށްފައެވެ. އަދި ރާއްޖޭގެ އެންމެ ވަރުގަދަ ކުލަބުތަކުގެ ގޮތުގައި މިހާރު ބެލެވޭ އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި ލީގު ރަނަރަޕް ވެލެންސިއާ އާއި އެއް ގިންތިއެއްގައި ގްރީން އިންވަނީ ފައިތިލަ ސާބިތުކޮށްލާފައެވެ.
މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އެއް ޓީމަކީވެސް ގްރީން އެވެ. އެގޮތުން ތިންވަނައިގެ ގޮތުގައި މުބާރާތް ނިންމާލަން ޖެހުނު ގްރީން އިން ވަނީ ޖުމްލަ 18 ލަނޑު ކާމިޔާބު ކޮށްފައެވެ.
ގްރީން މުބާރާތުން ކެޓީ ފައިނަލް އާއި ގާތްގަނޑަކަށް ފިޔަވަޅެއް ގާތަށް ޖެހިލުމަށްފަހުއެވެ. އެގޮތުން ފަހު މެޗުގައި އީގަލްސްގެ މައްޗަށް މޮޅެއް ހޯދައިގެން ފައިނަލަށް ދެވެން އޮތް ނަމަވެސް ފަހު މެޗުގައި އީގަލްސް އަތުން ބަލިވެ އެރޭ މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރި މެޗަށް އިންތިޒާރުކުރަން ޖެހުނެވެ.
ގްރީން އަށް ފައިނަލަށް ދެވެން އޭރު އޮތީ މާޒިޔާގެ މައްޗަށް ދެލަނޑުގެ ތަފާތުން ވެލެންސިއާ ކުރިހޯދައިގެންނެވެ. އެހެންނަމަވެސް މާޒިޔާ އަތުން ވެލެންސިއާ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
ނަސީބު ތަން ނުދީ ގްރީން އަށް ޕްރެޒިޑެންޓްސް ކަޕުގެ "ރޯޑް ޓު އަލިފުށިން" ވަކި ހިިސާބަކުން އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް، އެކުލަބުން ވަނީ، ގްރީން ސްޓްރީޓްސް އަކީ މިހާރު ރާއްޖޭގެ ފުޓުބޯޅައިގެ ވަރުގަދަ ބާރެއްކަން ސާބިތުކޮށްދީފައެވެ.