ޖަރުމަނު ބުންޑަސްލީގާގައި ހޮނިހިރު ދުވަހުގެރޭ ބޮރޫޝިއާ ޑޯޓްމަންޑުން ހޮފެންހެއިމްގެ މައްވަށް އުނދަގޫ މޮޅެއް ހޯދިއިރު އެޓީމުގެ ތަރި އާލިންގ ބްރައުޓް ހާލަންޑަށް އަނިޔާވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މިމެޗުން ޑޯޓްމަންޑް މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ލަނޑު ޖެހި ހާލަންޑަށް އަނިޔާވެގެން ބަދަލުކޮށްފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. ހާލަންޑަށް މި މެޗުގައި އަނިޔާވި ނަމަވެސް، މި ސީޒަނުގެ ޖަރުމަން ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުގައި އޭނާ ވަނީ 16 ލަނޑު ޖަހާފައެވެ.

މެޗުގެ 6 ވަނަ މިނެޓުގައި ޑޯޓްމަންޑުން ފުރަތަމަ ލަނޑުޖަހާ ލީޑުނެގިއިރު މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހާލަންޑެވެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ހޮފެންހެއިމުން ވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރެމަރިކް އެވެ. މިއީ ބެބޯ ތަނަވަސްކޮށްދިން ފުރުސަތަކުން ކްރެމަރިކް ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ފަހަރަށް ޑޯޓްމަންޑުން މެޗުގައި ލީޑުނެގީ ދެވަނަ ހާފުގައި މެޗުގެ 58 ވަނަ މިނެޓުގައެވެ. މެލެންގެ އެހީތެރިކަމާއެކު މާކޯ ރޮއިސް މިލަނޑު ކާމިޔާބު ކޮށްދިން އިރު، އޭގެ 8 މިނެޓުފަހުން ޑޯޓްމަންޑުން ލީޑުފުޅާކުރީ ހޮފެންހެއިމްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މެޗުގެ 77 ވަނަ މިނެޓުގައި ހޮފެންހެއިމުން ވަނީ އިތުރު ލަނޑެއްޖަހާ ފަރަގު ކުޑަކޮށްފައެވެ. މިއީ ޖެއޯޖީނިއޯ ރުޓާ ކާމިޔާބުކުރި ލަނޑެކެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ހޯދި މޮޅާއެކު ޑޯޓްމުންޑުން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުގެ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. އެގޮތުން ބަޔާނަށް ކުޅުނު 19 މެޗުން 46 ޕޮއިންޓް ލިބިފައިވާއިރު، ޑޯޓްމުންޑް ދެވަނައިގައި އޮތީ 20 މެޗުން 43 ޕޮއިންޓާއެކުއެވެ.