މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހަންމަދުގެ ހާލުކޮޅު ރަނގަޅު ކަމަށް، މަހާތީރުގެ ދަރިކަނބަލުން ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން 96 އަހަރުގެ މަހާތީރު މުހަންމަދު އެޑްމިޓްކޮށްފައި އޮތީ ކުއާލަލަމްޕޫރުގެ ނޭޝަނަލް ހާރޓް އިންސްޓިޓިއުޓްގައެވެ.

މިއީ، މިމަހުގެ ތެރޭގައި ޑރ. މަހާތީރު އެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނު ތިންވަނަ ފަހަރެވެ.

މަހާތީރު މުހަންމަދުގެ ދަރިކަނބަލުން މަރީނާ މަހާތީރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިމަހުގެ ކުރީކޮޅު ކުރިއަށް ގެންދެވުނު އިލެކްޓިވް މެޑިކަލް ޕްރިސީޖާއަށްފަހު އަނެއްކާވެސް އެޑްމިޓްކޮށް ބައްޕާފުޅަށް ވޭތުވެދިޔަ ދެދުވަސްވަންދެން ފަރުވާދެވިފައިވާ ކަމަށެވެ. އެއީ، ފޮލޯއަޕް ފަރުވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"ބައްޕާފުޅުގެ ހާލުކޮޅު މިވަގުތު ސްޓޭބަލް. ފަރުވާއަށް ރަނގަޅަށް ރެސްޕޮންޑްކުރޭ"
މަރީނާ މަހާތީރު

މަރީނާ މަހާތީރުގެ ބަޔާނުގައި، މަހާތީރަށް އަވަސް ޝިފާއަކާއި ހެޔޮ ސިއްހަތެއް ދެއްވުންއެދި ﷲއަށް ދުޢާ ދަންނަވައި ދިނުމަށް މަހާތީރުގެ އަނބިކަނބަލުން ސިއްތި ހަސްމާއާއި، އާއިލާގެ ފަރާތުން އާންމުންގެ ކިބައިން އެދޭކަމަށް ބުނެފައި ވެއެވެ.

މަހާތީރުގެ ހާލުކޮޅު އިތުރަށް ގޯސްވެ ހޮސްޕިޓަލްގެ ކޮރޯނަރީ ކެއަރ ޔުނިޓްގައި އެޑްމިޓްކުރި ޚަބަރާއެކު މީޑިއާވަނީ ހޮސްޕިޓަލް ދޮށަށް ޖަމާވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މެލޭޝިޔާގެ މިހާރުގެ ބޮޑުވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބުވެސްވަނީ، ހޮސްޕިޓަލަށް ވަޑައިގެން މަހާތީރުގެ ހާލުކޮޅު ބައްލަވާފައެވެ.

ޑރ. މަހާތީރު މުހަންމަދަށް ވޭތުވެދިޔަ އަހަރުތަކުގައި ހިތްޕުޅުގެ ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެވަޑައި ގެންފައި ވެއެވެ. އެތައް ހާޓް އެޓޭކެއްވެސް ޖެހިވަޑައި ގެންނެވިއެވެ. އަދި ފަހުން ބައިޕާސް ސާޖަރީއެއްވެސް ހައްދަވާފައި ވެއެވެ.

ހިތްޕުޅުގެ އާލާސްކަންފުޅު ބޮޑުވެ މިދިޔަ ޑިސެމްބަރުމަހުވެސް ޗެކަޕެއް ހެއްދެވުމަށް މަހާތީރު، ނޭޝަނަލް ހާރޓް އިންސްޓިޓިއުޓްގައި އެތައް ދުވަހަކު އޮންނެވިއެވެ.

ޑރ. މަހާތީރު މުހަންމަދުއަކީ މެލޭޝިޔާ މިހާތަނަށް ދުށް އެންމެ ވަރުގަދަ އަދި އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރެވެ.

އޭނާވަނީ ދެފަހަރެއްގެ މަތިން 24 އަހަރު މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

1981 އިން 2003 އަށް ބޮޑުވަޒީރުކަން ކުރެއްވުމަށްފަހު، އުމުރުފުޅުން 92 އަހަރުގައި 2018 ވަނަ އަހަރުވެސް ޑރ. މަހާތީރުވަނީ މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންފައެވެ.