އަލަށް ފެނިގެންއުޅޭ އޮމިކްރޮންގެ ސަބް-ވޭރިއެންޓްގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.
އަދި އަލަށް ފެންމަތިވި މި ސަބް-ވޭރިއެންޓުގެ ސަބަބުން ކޮވިޑްބަލީގެ ހާލަތަށް އަތުވެދާނެ ބަދަލާއި ކޮށްފާނެ އަސަރެއްގެ މައްޗަށްވެސް ވިސްނުންތައް ވިސްނަމުންދާ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައިވާ ކޮވިޑް ވައިރަހުގެ އޮމިކްރޮން ވޭރިއެންޓް މިހާރު ވެފައިވަނީ، ދުނިޔޭގެ އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖައްސާ ވޭރިއެންޓަށެވެ.
އެހެން ނަމަވެސް، އަލަށް ފެނިގެންއުޅޭ އޮމިކްރޮން ވޭރިއެންޓުގެ ސަބް-ވޭރިއެންޓުގެ ސަބަބުން އެތައް ބަޔަކަށް ބަލިޖެހިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.
އަލަށް ފެނުނު ސަބް-ވޭރިއެންޓަށް އަދި ދީފައިވާ ނަމަކީ "ބީއޭ.2" އެވެ.
މި ސަބް-ވޭރިއެންޓްވެސް މީހުންގެ މެދުގައި ވަރަށް ހަލުވިކަމާއެކު ބަލި ފަތުރަމުންދާ ކަމަށް، ގައުމުތަކުން ހާމަކުރަމުންދާ ތަފާސްހިސާބުތަކާ ހަވާލާދީ ސިއްހީ ފަރާތްތަކުން ބުނެއެވެ.
ޔޫކޭ ހެލްތު ސެކިއުރިޓީ އޭޖެންސީން ބުނެފައިވަނީ، މި ޖެނުއަރީމަހުގެ ފުރަތަމަ 10 ދުވަހު، ޔޫކޭއިން ސަބް-ވޭރިއެންޓުގެ 400 އަށްވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށެވެ. މި ވޭރިއެންޓް، ޔޫކޭގެ އިތުރުން، އިތުރު 40 ގައުމަކުން ފެނިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އިންޑިއާ، ޑެންމާކް އަދި ސްވިޑަންފަދަ ގައުމުތަކުން މިފަހުން ކޮވިޑަށް އަލަށް ޕޮޒިޓިވްވި ގިނަމީހުންނަށް ބަލިޖެހިފައިވަނީ އޮމިކްރޮންގެ ސަބް-ވޭރިއެންޓުން ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
ޔޫކޭ ހެލްތު ސެކިއުރިޓީ އޭޖެންސީން މިހާރު ގެންދަނީ އޮމިކްރޮން ވައިރަސްގެ ސަބް-ވޭރިއެންޓް ތަހްގީގުކުރަން ފަށާފައެވެ. މި ސަބް-ވޭރިއެންގެ ބާރު އަދި އޮޅުން ނުފިލާ ކަމަށް ބުނެފައި ވެއެވެ. އެހެންވެ، މި ވޭރިއެންޓަކީ ކަންބޮޑުވާ ވޭރިއެންޓެއް ކަމަށް ކަމާބެހޭ ފަރާތްތަކުން އަދި ކަނޑައަޅާފައެއް ނުވެއެވެ.
ޔުނިވަރސިޓީ އޮފް ޖެނީވާގެ އިންސްޓިޓިއުޓް އޮފް ގްލޯބަލް ހެލްތުގެ ޑިރެކްޓަރ އަދި އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ އެންޓޮއިން ފްލަހޯލްޓް ވިދާޅުވީ، އަލަށް ފެތުރެމުންދާ ސަބް-ވޭރިއެންޓްގެ ސާވައިލެންސްގެ ކަންކަން ސައިންސްވެރިން ފުޅާކޮށްފައިވާއިރު، ގައުމުތަކުން މި ވޭރިއެންޓަށް ސަމާލުވާންޖެހޭ ކަމަށެވެ.
ސަބް-ވޭރިއެންޓުން ބަލިޖެހޭ މީހުންގެ ބަލީގެ ހާލަތު ހުންނަ ކަމަށް އަދި ގަބޫލުކުރެވިފައިވަނީ އަސްލު އޮމިކްރޮން ވޭރިއެންޓުން ބަލިޖެހޭ މީހުންގެ ބަލީގެ ހާލަތާ އެއްފަދަ ގޮތެއްގައި ކަމަށްވެސް އެންޓޮއިން ފްލަހޯލްޓް ވިދާޅުވިއެވެ.
އޮމިކްރޮންގެ ސަބް-ވޭރިއެންޓާ ގުޅޭގޮތުން ބައިވަރު ސުވާލުތަކެއް އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލަންޑަންގެ އިމްޕީރިއަލް ކޮލެޖުގެ ވައިރޮލޮޖިސްޓެއް ކަމަށްވާ ޓޮމް ޕީކޮކް ވިދާޅުވީ، އިންޑިއާ އަދި ޑެންމާކުން ފެނުނު ސަބް-ވޭރިއެންޓްގެ ކޭސްތައް އޮބްޒާވްކުރި އިރު، އަސްލު އޮމިކްރޮންއާއި – ސަބް-ވޭރިއެންޓާ ދެމެދު މާކަބޮޑު ތަފާތުތަކެއް ހުންކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.