ވިސްނުމަކީ ކޮވިޑް-19 އާއި އެކު ދިރިއުޅުން ކުރިއަށް ގެންދިޔުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ކޮވިޑް ހާލަތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، ކޮންމެ ހަފްތާއެއް ނިމިގެންދާއިރު އެއިރެއްގެ ހާލަތާއި ގުޅިގެން މަޝްވަރާކުރައްވާ ކަމަށާއި، އެވަގުތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.
އަދި، މިވަގުތު އެންމެ ހަރުކަށި ފިޔަވަޅުތައް ނޭޅިޔަސް ކުރިއަށް އޮތް ތަނުގައި އެފަދަ ފިޔަވަޅުތައް އެޅުން އެކަށީގެންވާކަމަށާއި، ނަމަވެސް މިހާރުގެ ވިސްނުމަކީ ބައްޔާއެކު ދިރިއުޅުން ކުރިއަށް ގެންދިޔުން ކަމަށް ޑރ. ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ މި ސަބަބުތަކަށް ރިއާޔަތްކޮށް މިހާރު ވިސްނުން ގެންގުޅުއްވަނީ އެއްވެސް ވަރަކަށް އާންމު ދިރިއުޅުމުގެ ކަންތައްތައް ހުއްޓުމަކަށް ނައިސް، ރައްކާތެރިގޮތުގައި އެކަންތައްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ކޮވިޑް-19 ގައި މިހާރު ރާއްޖެ ތަހައްމަލުކުރަމުން މިދާ ރާޅަކީ އޮމިކްރޮން ވޭރިއެންޓްގެ ރާޅެއް ކަމަށް ގަބޫލުކުރާ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވާއިރު، މި ރާޅާއެކު އެ އިދާރާއިން ރައްކާތެރި ކަމުގެ ފިޔަޅުތައް ހަރުކަށި ކޮށްފައިނުވާތީ ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.
އެކަމަށް އިޝާރާތްކުރައްވައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ބަލީގެ ހާލަތު މިހާރު އޮތް ވަރަށްވުރެ އިތުރަށް ގޯސްވެއްޖެނަމަ، އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށާއި، މި ވަގުތުގެ ހާލަތަށް ބަލާ މާލެ ލޮކްޑައުނަކަށް ގެންނަން ނުފެންނަ ކަމަށެވެ.
މީގެއިތުރުން، ކޮވިޑަކީ އެންމެ މުއައްސަސާއަކުން އެކަނި ކޮންޓްރޯލް ކުރެވޭނެ ބައްޔެއް ނޫންކަމަށާއި، މިފަދަ ދަނޑިވަޅެއްގައި އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ޑރ. ފާހަގަކުރެއްވިއެވެ.
ޑރ. ވަނީ ފަރުދީ ޒިންމާ އަދާކޮށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑިތަކަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރައްވާފައެވެ.