ރާއްޖޭގެ ފުޓުބޯޅައިގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޕްރެޒިޑެންޓްސް ކަޕުގެ ތަށި، 6 ވަނަ ފަހަރަށް ކްލަބް ވެލެންސިއާ އިން ކާމިޔާބު ކޮށްފިއެވެ.
6 ވަނަ ފަހަރަށް މި ޝަރަފު ވެލެންސިއާއިން ހޯދާ މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ތަށި އެކުލަބުން އުފުލާލީ، ރ. އަލިފުށީގައި ކުޅުނު މިމުބާރާތުގެ ފައިނަލް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ.
ވަރަށް ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގެ ފުރިހަމަވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް އިތުރުވަގުތުގެ ދެހާފު ކުޅުންއިރު ވެލެންސިއާއިން ލަނޑުޖަހާ އަލުން ލީޑުނެގީ އިތުރުވަގުތުގެ ފުރަތަމަ ހާފުގައެވެ.
މާލެ އާއި ހިލާފަށް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް މެޗުބަލަން ހާޒިރުވި މި ފައިނަލް މެޗު ފަށައިގެން، މާޒިޔާ އަށް ރަނގަޅަށް ހަމަޖެހިނުލެވި އުޅެނިކޮށް ވެލެންސިއާ އިންވަނީ މެޗުގައި ލަނޑެއްޖަހާ ލީޑުނަގާފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 3 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލަނޑުޖަހާދީ ލީޑުނަގައިދިނީ އެޓީމުގެ ލަންކާ ޑިފެންޑަރު ޑަކްސަން ޕުސްލަކްސް އެވެ. މިއީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ނެގި ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ޑަކްސަން ކާމިޔާބުކުރި ލަނޑެކެވެ.
މާޒިޔާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައެވެ. އެގޮތުން އައިސަމް ނެގި ކޯނަރު ތިރިތިރިން ވެލެންސިއާ ޑިފެންޑަރުންގެ ތެރެއިން ދިޔަ ބޯޅަ، މާޒިޔާގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އަށް ލިބުމުން ކޮންޓްރޯލް ކޮށްލާފައި ފްލިކް ޝޮޓަކުން އިރޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
ފިޒިކަލް ގޭމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗުގެ ދެވަނަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަނަމަވެސް، މުޅި މެޗުވެސް ފެނިގެންދިޔައީ ފައުލްގިނަ، ގިނަވަގުތު ކުޅުން ހުއްޓާލާފައި އޮންނަން ޖެހުނު މެޗަކަށެވެ. އަދި މެޗުގައި ރެފްރީންގެ ނިންމުންތަކާއިމެދު ހިތްހަމަނުޖެހިގެން ދެޓީމުގެ ކުޅުންތެރިންނާއިި، ބެންޗުންވެސް ގިނަ ފަހަރުތަކެއްގެ މަތިން ވަނީ ނުރުހުން ފާޅުކޮށް އަޑު އުފުލާފައެވެ.
ވެލެންސިއާ އިން ދެވަނަފަހަރަށް، ލީޑުނަގާ މެޗު ކާމިޔާބުކުރީ އިތުރުވަގުތުގެ ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި މާޓިން ބޯޚާސް އެވެ.
މި މޮޅާއެކު ވެލެންސިއާއިން 6 ވަނަ ފަހަރަށް މި ޝަރަފުވެރި ޓްރޮފީ އުފުއްލާލިއިރު އެޓީމުން އެންމެފުރަތަމަ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފައިވަނީ 1993 ވަނަ އަހަރުއެވެ. އަދި އެއަށްފަހު ޖެހިގެން އައި 1994 ވަނަ އަހަރާއި 1998 ވަނަ އަހަރުގެ އިތުރުން 2008 ވަނަ އަހަރު މި މުބާރާތް ވެލެންސިއާއިން ކާމިޔާބު ކޮށްފައިވެއެވެ.
މިއީ 2016 ވަނަ އަހަރު އެފްއޭ ކަޕުގެ ތަށި އުފުއްލާލިފަހުން ވެލެންސިއާއިން ދިވެހި ފުޓުބޯޅައިގެ މަތީ ފަންތީގެ ލީގުގައި ތަށްޓެއް އުފުލާލި ފުރަތަމަ ފަހަރެވެ.
ފައިނަލް މެޗުގައި މާޒިޔާގެ މައްޗަށް ވެލެންސިއާއިން ކުރިހޯދިއިރު މި ސީޒަނުގައި މީގެކުރިން ދެފަހަރެއްގެ މަތިން މިދެޓީމު ބައްދަލުކޮށްފައިވެއެވެ. އެގޮތުން ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއިން ވެލެންސިއާގެ މައްޗަށް 0-5 އިން ކުރިހޯދި ނަމަވެސް ޕްރެޒިޑެންޓްސް ކަޕުގެ ލީގު ބުރުގައި ވެލެންސިއާއިން ވަނީ މާޒިޔާ ބަލިކޮށްފައެވެ. މާޒިޔާ ޕްރެޒިޑެންޓްސް ކަޕްގައި މި ފަހަރު ފުރަތަމަ ފަސް މެޗުން މޮޅުވިއިރު، ފައިނަލު ހިމެނޭ ގޮތަށް ދެން ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ.