ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ (އޭޕީ)ގެ އިލްމުވެރިންގެ މަޖިލީހުން ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު އިސްތިއުފާދެއްވައިފިއެވެ.

ޝެއިހް ޒައިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދުން ފެށިގެން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްއާއި އެހެނިހެން ހުރިހާ މެމްބަރުން އޭނާއާދު ޢަމަލުކޮށްދެއްވާފައިވާ ގާތްކަމާއި، އޯގާތެރިކަމަށްޓަކައި ޝުކުރުދަންނަވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ޒައިދު އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ. އެކަމަކު އޭނާގެ އިސްތިއުފާ ދީފައި މިވަނީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އަދާލަތުގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓަށް ދީފައި ވަނިކޮށެވެ. އަދާލަތުގެ މި ނިންމުން އައުމުގެ ކުރީން ޒައިދު ވަނީ އެމްޑީޕީއަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޒައިދު ފާހަގަ ކުރެވިފައިވަނީ މި ސަރުކާރުގެ ސިޔާސަތުތައް ދިފާއުކޮށް ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކުގެ ދިފާއުގައި ތެދުވެވަޑައިގަންނަވާ އިލްމުވެރިއެއްގެ ގޮތުގައެވެ.

ނަމަވެސް ދީނީ މައްސަލަތަކުގައި އަބަދުވެސް ޒައިދު ގެންދެވީ ކަން އޮތްގޮތް ވިދާޅުވެ ދެއްވަވަމުންނެވެ.