ރާއްޖެއިން ކޮވިޑް-19 އަށް އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ދުވަހުގެ ރެކޯޑް އަނެއްކާވެސް އައުވެ، ކޮވިޑުގެ ބިރުވެރިކަން ކުރިމަތިވިފަހުން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހަށް މިއަދު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ އާންމުކުރި ތަފާސްހިސާބުަތަކށް ބަލާއިރު، އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނު 7536 ސާމްޕަލްގެތެރެއިން 2484 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.
މިއަދުގެ ކުރިން އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަމަށް ރިޕޯޓުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެދުވަހު ރާއްޖެއިން 2349 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.
އަލަށް ޕޮޒިޓިވް ސާމްޕަލްތަކުގެ ތެރެއިން 1268 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 728 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 81 މީހަކު ނިސްބަތްވަނީ ރިސޯޓުތަަކަށެވެ.
އަލަށް ޕޮޒިޓިވްވި މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 114،977 އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބަލިން ފަސޭހަވެފައިވަނީ 849 މީހުންނެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 117461 އަށް އަރާފައެވެ.
އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 14636 ގައެވެ. މީގެތެރެއިން 47 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.
މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިހާރު 36 އިންސައްތައިގައި ހުރިއިރު، ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ، ހާލަތު ގޯހުންގޯހަށް ދިއުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ރެސްޓްރިކްޝަން ލެވަލް އޮރެންޖުން ރަތަށް ބަދަލުކޮށްފައެވެ.
ކޮވިޑް-19 ގައި ރާއްޖެ މިހާތަނަށް ތަހައްމަލްކޮށްފައިވާ ބަލިމަޑުކަމަށްވުރެ މިހާރު ކުރިމަތިލާފައިވާ ރާޅުން ނުރައްކާބޮޑުވެދާނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.