ތަންތަނުގެ ބޮޑުން ނުވަތަ ވެރިން މުވައްޒިފުންގެ އަގު ވަޒަންކުރަނީ އެކި ވަރަށް، އެކި ގޮތަށެވެ.

އަޅުގަނޑުމެން އެންމެންނަކީވެސް އަޅުގަނޑުމެންގެ ޕްރޮފެޝަނަލް ޙަޔާތުގައި ތަފާތު ބާވަތްތަކުގެ ބޮޑުންނާ ދިމާވި ބައެކެވެ. އެއް ވައްތަރަކީ ވަރަށް ހަރުކަށި އަދި ނުފޫޒުގަދަ، އަޅުގަނޑުމެންނަކީ "މެޝިނުން" ކަމަށް ދެކޭ ޒާތުގެ ވެރިންނެވެ. އެމީހުންގެ މުވައްޒިފުންގެ މައްޗަށް ހުރިހާ މަސައްކަތެއް ދޫކޮށްލަން އާދަކުރާ މީހުންނެވެ.

މިއާ ޚިލާފަށް ބައެއް ބޮޑުންނަކީ އާދަޔާ ޚިލާފު ރަނގަޅު ބައެކެވެ. އެއީ މުވައްޒަފުންނަށް ހިތްވަރުދީ، އަގު ވަޒަންކުރާ ވެރިންނެވެ. އަދި މަސައްކަތް ބަލައިގަނެ، އަބަދުވެސް އޯގާތެރިކޮށް ހިތާ މީހުންނެވެ.

އެފަދަ އެއް ބޭފުޅަކީ އިވޯވް މިކްސްޑް މާޝަލް އާޓްސްގެ ފައުންޑާ އަދި ޗެއާމަން ޗަތުރީ ސިތިއޮޑްޓޮންގްއެވެ. އޭނާގެ ކުންފުންޏަށް އަހަރަކު 30 އިންސައްތައިގެ ކުރިއެރުމެއް ލިބުމާއެކު، ލަގްޒަރީ ދަތުރެއްގައި އޭނާގެ ހުރިހާ މުވައްޒަފުން ގޮވައިގެން ރާއްޖެ އައިސް، އެމީހުން ހޯދި ކާމިޔާބީއަށް ޝުކުރު އަދާކުރުން ވެގެންދިޔައީ ގިނަ ބައެއްގެ ތައުރީފު އޭނާއަށް އޮހުނު ކަމަކަށެވެ.

ސިތިއޮޑްޓޮންގްއާއި އޭނާގެ ސްޓާފުން ރާއްޖޭގައި

ބިޒްނަސް އޭޝިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިތިއޮޑްޓޮންގް ވިދާޅުވީ މިހަދިޔާއަކީ "ޝުކުރުގެ ކުޑަ ރަމްޒެއް" ކަމަށެވެ. އޭނާގެ މުވައްޒަފުންނަށް 'ރޮކްސްޓާސް' އޭ ވެސް ކިޔުން ހައްގު ކަމަށް އޭނާ ދެކެއެވެ.

ސިތިއޮޑްޓޮންގް އިތުރަށް ވިދާޅުވީ އެ ކުންފުންޏަކީ ހުނަރުވެރި މޮޅު ބަޔަކު ވަޒީފާ އަދާކުރާ ކުންފުންޏެއް ކަމަށާއި މުވައްޒިފުން ކުރާ މަސައްކަތަށް އެޕްރިޝިއޭޓް ކުރުމުގެ އިތުރުން އެންމެ ރަނގަޅު އުޖޫރައެއް ހައްގުވާ ކަމަށެވެ.

ރާއްޖެއަށް ކުރި ދަތުރުގައި ސިތިއޮޓޮންގް ވަނީ 392،000 ޕައުންޑް (ގާތްގަނޑަކަށް 3.3 ކްރޯޑު) ގެ ހޭދައެއް ކޮށްފައެވެ.

ފަސް ތަރީގެ ޗުއްޓީއެއް ހޭދަކުރީ އޭނާގެ 100 އެއްހާ މުވައްޒަފުން ގޮވައިގެންނެވެ.

ޝައުޤުވެރިވާ ކަމަކީ މިއީ ސިތިއޮޑްޓޮންގް އޭނާގެ މުވައްޒަފުން އޯލް އިންކްލޫސިވް ލަގްޒަރީ ޗުއްޓީއަކަށް ގެނައި ފުރަތަމަ ފަހަރެއް ނޫނެވެ. ކޮންމެ އަހަރަކުވެސް އޭނާ އެކަން ކުރެއެވެ.

ކޮންމެ އަހަރަކުވެސް އޭނާގެ ސްޓާފުން ގޮވައިގެން ސަޕްރައިޒް ޑެސްޓިނޭޝަނެއްގައި ކުންފުނީގެ ކާމިޔާބީ ފާހަގަކުރެއެވެ.