• މޫސުމަށް އަންނަ ބަދަލުތަކުގެ އެއްވެސް އަސަރެއް މި ފަރަށް ކޮށްފައިނުވޭ

އާދަޔާ ޚިލާފް ގުދުރަތީ ރީތިކަމެއް ލިބިގެންވާ މުރަކައިގެ ފަރެއް، ކަނޑުގެ ދިރުންތައް ދިރާސާކުރާ ސައިންސްވެރިންގެ ޓީމަކަށް ފެނިއްޖެއެވެ.

މިފަރު ފެނުނުކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކުރީ ޔުނެސްކޯއިންނެވެ.

މިފަރު ފެނިފައިވަނީ، ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ރަށްތައް ކަމަށްވާ ފްރެންޗް ޕޮލިނޭޝިޔާގައި ހިމެނޭ އެންމެ ބޮޑު ރަށް ކަމަށްވާ ތަހީތީ ކައިރިން މާކަނޑުގެ ސަރަހައްދުންނެވެ.

ސައިންސްވެރިންނަށް ފާހަގަ ކުރެވުނީ، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ އެއްވެސް އަސަރެއް މިފަރަށް ކޮށްފައި ނުވާކަމެވެ.

އަދި އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ، ފިނިފެންމަލުގެ ބައްޓަމަށް ހެދިފައިވާ އާދަޔާ ޚިލާފް ރީތިކަމެއް ލިބިގެންވާ މުރަކަތަކުގެ މައްޗަށް އެކުލެވޭ ފަރަކަށްވުމެވެ.

މިފަރުގެ ދިގުމިނުގައި ތިން ކިލޯމީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުރެއެވެ.

ޑައިވަރުންނަށް މިފަރު ފެނުނީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެއީ، ޚާއްސަ އާލާތްތައް ބޭނުންކޮށްގެން ވަރަށް ފުނަށް ފީނަން އުޅުމުގެ ތެރޭގައެވެ.

ޑައިވަރުންވަނީ ފަރުގެ ކަންކަން ދިރާސާކުރުމަށް ގާތްގަނޑަކަށް 200 ގަޑިއިރު ފަރުގައި ހޭދަކޮށްފައެވެ.

ފަރަންސޭސި ފޮޓޮގްރަފަރ އަދި ޔުނެސްކޯގެ "1އޯޝަން" ކެމްޕެއިންގެ ޕާޓްނަރެއް ކަމަށްވާ އެލެކްސިސް ރޮސެންފީލްޑް ބުނީ، ލޮލުކޮޅަށް ނުފެންނަ ހިސާބަށް ދުރުދުރަށް ފެތުރިފައިވާ، ފިނިފެންމަލުގެ ބައްޓަމަށް އުފެދިފައިވާ ބިޔަ މުރަކަތައް ފެނުމުން ސިފަވަނީ ޖާދުލުގެ މަންޒަރެއް ކަމަށެވެ.

މިފަރުގައި ހެދިފައިވާ ފިނިފެންމަލުގެ ބައްޓަމުގެ ކޮންމެ މުރަކައެއްގެ ވަށަމިނުގައި ދެމީޓަރު ހުންނަ ކަމަށް ވެއެވެ.

މިފަރާ ގުޅޭގޮތުން ޔުނެސްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ، މިހާތަނަށް ފެނުނު މުރަކަ ފަރުތަކުގެ ތެރެއިން އެންމެ ސިއްހަތު ރަނގަޅު ކަމަށް ރެކޯޑްކުރެވުނު ފަރު ކަމަށެވެ.

30 މީޓަރާއި، 65 މީޓަރު ފުންމިން ހުންނަ ފިނި ސަރަހައްދަކުން މިކަހަލަ ސިއްހަތު ރަނގަޅު ފަރެއް ފެނުމަކީ އާދައިގެ ކަމެއް ނޫން ކަމަށްވެސް ޔުނެސްކޯއިން ބުނެފައި ވެއެވެ.

އެހެންކަމުން، ޖައްވު ހޫނުވުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކުން ރައްކާތެރިވެފައިވާ މިފަދަ އެތައް ފަރެއް ފުންކަނޑުތަކުގެ އަޑީގައި އަދިވެސް ވެދާނެކަމަށް ޔުނެސްކޯއިން ލަފާކޮށްފައި ވެއެވެ.

އަލަށް ފެނުނު މުރަކަ ފަރާ ގުޅޭގޮތުން ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އޮޑްރީ އަޒުލޭ ވިދާޅުވީ، މިއަދާ ހަމައަށް ފުންކަނޑުގެ ހަގީގަތަކަށްވުރެ ބޮޑަށް އިންސާނުންނަށް ހަނދުގެ ހަގީގަތް ދެނެގަވިފައިވާ ކަމަށެވެ.

ކަނޑުތަކުގެ ސަތަހައިން އިންސާނުންނަށް ހަގީގަތް ބެލި، ދެނެގަނެވިފައިވަނީ މިހާތަނަށް އެންމެ 20 އިންސައްތަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފަރަންސޭސި ރިސާޗް އޭޖެންސީންގެ މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ ލައެޓިޓިއާ ހެޑުއިން ވިދާޅުވީ، އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިނުވާ ސިއްހަތު ރަނގަޅު ފަރެއް ފެނުމަކީ، މުސްތަގްބަލުގައި މިފަދަ ފަރުތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދިޔަ އުފާވެރި ހަބަރެއް ކަމަށެވެ.

ޖައްވު ހޫނުވުމުގެ މައްސަލައިން ފުންކަނޑުތަކުގައިވާ ފަރުތައް ރައްކާތެރި ކުރެވިގެންވާ ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔެއިން މިހާތަނަށް ފެނިފައިވާ މަޝްހޫރު ރީތި މުރަކަ ފަރުތައް ފެނިފައިވަނީ ފަންސަވީހަކަށް މީޓަރު އަޑިންނެވެ.

ފަރުތަކުގައި ހުންނަ މުރަކަތައް ހުދުވުމުގެ މައްސަލައަކީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި ދިމާވަމުންދާ މައްސަލައެކެވެ. މިކަން ދިމާވަނީ ޖައްވު ހޫނުވެ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުން ކަމަށް ހޯދިފައި ވެއެވެ.

މީގެއިތުރުންވެސް، ފަރުތައް ގޮއްވައިގެން މަސްވެރިކަން ކުރުމާއި، ކަނޑުގެ ލޮނުގަނޑު ތަޣައްޔަރުވުމާއި، އަދި ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން 2009 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދުނިޔޭގެ ކަނޑުތަކުގައިވާ މުރަކަ ފަރުތަކުގެ 14 އިންސައްތަ އެއްކޮށް ނެތިވެ ގޮސްފައިވާކަމަށް، ގްލޯބަލް ކޮރަޕް ރީފް މޮނިޓަރިންގ ނެޓްވޯރކުން ބުނެފައި ވެއެވެ.