އަލަށް އެކުލަވާލި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް، އުރީދޫއާއި ދިރާގަށް ދީފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ދެ ކުންފުންޏަށް ވެސް މި ލައިސެންސް ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލުމެއި މަހުގެ 18 ވަނަ ދުވަހު ތަސްދީގުކުމާއި ގުޅިގެން އެ ގާނޫނުގެ ދަށުންނެވެ.
ގައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމާއި، ގައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް ވިލަރެސްކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ.
އެގޮތުން އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓް (އުރީދޫ މޯލްޑިވްސް) އަށް ދޫކޮށްފައިވަނީ ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތާއި ރެމިޓަންސް ޚިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްއެވެ.
އަދި ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓް (ދިރާގު)ށް ދޫކޮށްފައިވަނީ ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސްއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީިން މި ދެ ކުންފުންޏަށްވެސް ލައިސަންސް ދޫކޮށްފައިވަނީ މިމަހުގެ 18ވަނަ ދުވަހު ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން ޕޭމަންޓްގެ ހިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއެކު، މި ދެ ކުންފުނިންވެސް ޕޭމަންޓް ހިދުމަތް ދެމުންގެންދާނީ މި ލައިސަންސްގެ ދަށުންނެވެ. މިއާއެކު ކުރިން އުރީދޫ މޯލްޑިވްސް އާއި ދިރާގަށް ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް ވަނީ ބާތިލް ކޮށްފައެވެ.
މި ލައިސަންސްގެ ދަށުން އުރީދޫ މޯލްޑިވްސްއިން އަލަށް ތައާރަފް ކުރުމަށް ނިންމާފައިވާ ރެމިޓަންސް ހިދުމަތަކީ، އެ ކުންފުނިން ދެމުންގެންދާ އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ.
ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ މޭ 18ގައެވެ.