އޮމިކްރޮން ވޭރިއެންޓަށް އަމާޒުކޮށްގެން އުފެއްދި ވެކްސިންގެ އައު ވާޝަންގެ ކްލިނިކަލް ޓްރައިލްސް ފަށައިފި ކަމަށް ފައިޒަރ/ބަޔޯއެންޓެކުން ހާމަކޮށްފިއެވެ.

ފައިޒަރ/ބަޔޯއެންޓެކަކީ ކޮވިޑް ބައްޔާ ދެކޮޅަށް އެންމެ ކުރިން ވެކްސިނެއް ތަރައްގީކޮށް އުފެއްދި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދެ ކުންފުންޏެވެ.

މިދެ ކުންފުނި ގުޅިގެން އުފެއްދި އޮރިޖިނަލް ވެކްސިނުން ފޯރުކޮށްދެމުން ގެންދިޔަ ރައްކާތެރިކަން، ފަހުން ފެތުރޭންފެށި އޮމިކްރޮން ވޭރިއެންޓްވަނީ ފޫއަޅުވާފައެވެ. ވެކްސިންގެ ދެޑޯޒް ޖަހާފައިވާ މީހުންނަށްވެސް އޮމިކްރޮންގެ ޒަރީއާއިން ދަނީ ބަލިޖެހެމުންނެވެ.

އެހެންވެ، ފައިޒަރ/ބަޔޯއެންޓެކުން މިހާރުވަނީ ސީދާ އޮމިކްރޮން ވޭރިއެންޓަށް އަމާޒުކޮށް، މިހާރު އުފައްދާފައިވާ ކޮވިޑް ވެކްސިން މޮޑިފައިކޮށްގެން ވެކްސިންގެ އައު ވާޝަނެއް އުފައްދާފައެވެ.

ފައިޒަރ/ބަޔޯއެންޓެކުން ފެށި ކްލިނިކަލް ޓްރައިލްސްގައ ބަލާނީ، މި ވެކްސިން ޖަހައިގެން ދިފާއު ވަރުގަދަކޮށް އަދި ބަލި ޖެހުމުން ރައްކާތެރި ކޮށްދެނީ ކިހާ މިންވަރަކަށްތޯ ބެލުމަށެވެ.

ކްލިނިކަލް ޓްރައިލްސްގައި، މިހާތަނަށް އެއްވެސް ވަރަކަށް ވެކްސިން ނުޖަހައި ތިބި މީހުންނަށް މި އައު ވާޝަންގެ 3 ޑޯޒް ޖަހައިގެންނާއި، އަދި މިހާތަނަށް 2 ޑޯޒް ވެކްސިން ޖަހާފައިވާ މީހުންނަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި އައު ވާޝަންގެ ޑޯޒެއް ޖަހައިގެން ނަތީޖާ ނުކުންނަ ގޮތް ބަލާނެ ކަމަށް ފައިޒަރ/ބަޔޯއެންޓެކުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ކްލިނިކަލް ޓްރައިލްސްގައި ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން ބޫސްޓަރ ޑޯޒް ޖަހާފައިވާ މީހުންނަށް ބޫސްޓަރ ހަތަރުވަނަ ޑޯޒެއްގެ ގޮތުގައި އައު ވާޝަންގެ ޑޯޒެއް ޖަހަން ނިންމާފައިވާ ކަމަށް އެދެ ކުންފުނިން ބުނެފައިވެއެވެ.

ކްލިނިކަލް ޓްރައިލްސްގައި 1،400 އަށްވުރެ ގިނަމީހުން ބޭނުންކުރާނެ ކަމަށާއި، އެގޮތުން ވެކްސިން ޑޯޒްތައް ޖެހުމަށްފަހު އެއިން ލިބިދޭ ރައްކާތެރިކަމައި، އަދި ހަށިގަނޑު ވެކްސިން ބަލައިގަންނަ މިންވަރު ދިރާސާ ކުރާނެ ކަމަށްވެސް ފައިޒަރ/ބަޔޯއެންޓެކުން ބުނެފައިވެއެވެ.

ފައިޒަރ ކުންފުނިން މިއަދު ބުނެފައިވަނީ، މިހާރު މިއުޅޭ އޮމިކްރޮންގެ ކިބައިން އެންމެ ރަނގަޅަށް ރައްކާތެރިކަން ލިބިގަތުމަށް އެ ކުންފުނިން ކުރިން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ 2 ޑޯޒް ނުފުދޭ ކަމަށެވެ.