ކޮވިޑްބަލީގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ 22:06 ގައި އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، ފުވައްމުލަކު ކޮވިޑް މެނޭޖްމަންޓް ފެސިލިޓިގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހަވީރު 4:55 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއާއެކު، ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު މިވަނީ 271 އަށް އަރާފައެވެ.

އެންމެފަހުން ރާއްޖެއިން ކޮވިޑްބަލީގައި މީހަކު މަރުވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ފަތިހުއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނިކޮށް އެރޭ ފަތިހު 3:01 ގައި ނިޔާވެފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި އަންހެނެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެއިން ކޮވިޑްބަލީގައި 4 މީހުން މަރުވެފައި ވެއެވެ.

ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ކޮވިޑް ފަތުރާ އޮމިކްރޮން ރާއްޖެއިންވެސް ފެނި، ކޮންމެ ދުވަހަކު ކޮވިޑްޖެހޭ މީހުންގެ އަދަދު މިހާރުވަނީ ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައެވެ.