ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފެލްޓްތަކުގައި، ވަކިގޮތެއް އަންގަންދެން ކުނި ބިލް ނުކުރާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން އާންމުކޮށްފައިވާ ދެންނެވުމުގައި ބުނެފައިވަނީ، ދެވަނަ ފިޔަވަހީގެ އެޕާޓްމަންޓްތަކުގައި އުފެދޭ ކުނި އުކާލުމަށް އެދި ރެޖިސްޓާ ކުރުމަށް ވެމްކޯގެ 'ހައުސްހޯލްޑް' ކަލެކްޝަން ހިދުމަތުގެ ފޯމުގައި ބިލް ކުރަން ފެށުމަށް މީގެކުރިން ނިންމާފައިވީ ނަމަވެސް، އެ ނިންމުން މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ.

ފޮޓޯ: ވީނިއުސް

އެގޮތަށް ނިންމާފައިވަނީ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުންދާ މިންވަރަށް ބަލައި، އަދި އެފަދަ ފަރާތްތަކަށް އިތުރަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

ކުނި ނެގުމަށް ވެމްކޯއިން ލުޔެއް ދިނުމަށް ނިންމާފައި ވާއިރު، ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތްތައް ނިންމަން ދިން މުއްދަތުވެސް އަދި ހަމައެއް ނުވެއެވެ.

ފިނިޝިން ނިންމަން އިތުރު ތިންމަސް ދުވަސް ދިނުމާއެކު، އެ މުއްދަތު ނިމޭނީ އަންނަ މާޗް މަހުގައެވެ.

އެހެންކަމުން ފްލެޓްތަކުގެ ކުލި ނުނަގާ މުއްދަތުވެސް އެޗްޑީސީން ވަނީ އިތުރުކޮށްދީފައެވެ.

ހިޔާ ފްލެޓުތަކުން ކުލިނެގުން އިތުރު ތިން މަހަށް ފަސްކޮށްފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައެވެ.