ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދުކުރައްވާ، އޭނާގެ ކެމްޕޭންގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަމަލީގޮތުން ބައިވެރިވެވަޑައިގަތުމަކީ ކެމްޕޭންގެ ހަރަކާތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި އަދި އެއަށްވުރެވެސް ބޮޑަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިފާޒު މިފަދައިން ވިދާޅުވީ ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ޝިފާޒު ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ޖުމްހޫރީ ޕާޓީގެ މެންބަރުންތަކެއް ވެސް ތިބުމުން އެމްޑީޕީގެ ކެމްޕޭނާ ގާސިމް ގުޅިވަޑައިގަތުމުން އެ ދާއިރާގައި ތިބި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ވޯޓު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރ ޝިފާޒު ވިދާޅުވީ، އެސަރަހައްދުގައި ގާސިމް އިބްރާހީމް ގެންދަވަނީ އިގްތިސާދީ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ.

އެހެންކަމުން ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އެފަދަ މަސައްކަތްތައް އަވަސް ކުރެއްވުމަށާއި އެ ދާއިރާއަށް ގެނެވެން ހުރި ތަރައްގީގެ ކަންކަން ގާސިމް ބައްލަވާ އެކަންކަން ކުރެއްވުމަކީވެސް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.

" އޮނަރަބަލް ގާސިމް އިބްރާހިމް އެ ދާއިރާއަށް ވަޑައިން އެމަސައްކަތް ކުރެއްވުމުން އަޅުގަނޑުމެންނަށް ލިބިގެންދާނެ، އެ ދާއިރާގައިވެސް ހަމަ ޖުމްހޫރީ ޕާޓީގެ ވޯޓު ހުރޭ. އެވޯޓުތައް އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބޭނެ. އިނގިވަޑައިގަންނަވާނެ ވަކިން ހާއްސަކޮށް ވަރަށް ބޮޑު މަޝްރޫއެއް ގާސިމް އިބްރާހިމް އެ ސަރަހައްދުގައި ހިންގަވަން ފައްޓަވާފަ އެބަވޭ. ދެން އެ މަޝްރޫއު ތަރައްގީވެގެން އައުމާއިއެކީގަ ވަރަށް ބޮޑު އިގްތިސާދެއް އެތަނުގައި އުފެދޭނެ. އެއީ ކީކީމިނީ. ދެން އެތަނާއި ގުޅިފައި އެބަވޭ ވަރަށް ބައިވަރު ކަންކަން."
ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް: މުހައްމަދު ޝިފާޒު

މިނިސްޓަރ ޝިފާޒު ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ޖުމްހޫރީ ޕާޓީގެ މެންބަރުންތަކެއް ވެސް ތިބުމުން އެމްޑީޕީގެ ކެމްޕޭނާ ގާސިމް ގުޅިވަޑައިގަތުމުން އެދާއިރާގައި ތިބި ޖުމްހޫރީ ޕާޓީގެ މެންބަރުން ވޯޓު ދޭންވީގޮތް މިހާރު ސާފުވެގެންދާނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް 2019 ވަނަ އަހަރު އެ ދާއިރާގެ ރައްޔިތުން ހޮވީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ ބައި އިލެކްޝަންގައި ވެސް އެ ދާއިރާގެ ގޮނޑި ރައްޔިތުން އެމްޑީޕީއަށް ދޭނެ ކަމުގައި ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީއަށް ގޮނޑި ދޭންޖެހެނީ މިސަރުކާރު ވެރިކަމާ ހަވާލުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދަވަމުން ގެންދަވާތީ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެއީ ސަރުކާރުގެ ކޯލީޝަންގައި ހިމެނޭ އެއްބަޔަކު އަނެއް ބަޔަކަށް ކުރާ އިހްތިރާމްގެ ސަބަބުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ސަރުކާރުން ވަނީ އެދާއިރާގެ މަޝްރޫއުތަކެއް ފަށާފައެވެ. އެ މަޝްރޫއުތަކަކީ ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ ކަންތައްތަކެއް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެެވެ.

އިދިކޮޅު ކޯލިޝަނުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިފާޒް ވިދާޅުވީ

މިސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ އިންތިހާބަކާއި ދިމާކޮށް ނޫން ކަމަށެވެ. މިސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް ހިންގަމުން ގެންދާއިރު އިންތިހާބެއް ކުރިމަތިވުމުން އެތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަކީ ރައްޔިތުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ވާނެ ކަމަށްވެސް މިނިސްޓަރ ޝިފާޒު ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކަކީ ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންތައްތަކެއް ކަމަށާއި މިހާރު ހިނގަމުންދާނީ އެކަންކަން ހަގީގަތަށް ހަދައިދިނުމުގެ މަސައްކަތްތަކެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓަށް ޖޭޕީގެ އިތުރުން އަދާލަތު ޕާޓީންވެސް ވަނީ ތާއީދުކުރަން ނިންމާފައެވެ.

ފެބްރުއަރީ 5 ގައި ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ދެން ވާދަކުރަނީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.