މި ސީޒަނުގައި އެންމެފަހުން ކުޅުނު މެޗުތަކުން ޓީމުން ނެރެފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން ރާއްޖޭގެ އެންމެފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ހެޑް ކޯޗުގެ މަގާމުން މުހައްމަދު ޝިޔާޒް (މޯހަން) ވަކިކޮށްފިއެވެ.
މޯހަން މަގާމުން ވަކިކުރިކަން ހާމަކޮށް މާޒިޔާއިން ބުނެފައިވަނީ މިއީ މާޒިޔާގެ ބޯޑަށް ނިންމަން އުނދަގޫވި ނިންމުމެއް ކަމަށާއި، އެހެންނަމަވެސް ގިނަ ކަންތައްތަކަކަށް ބެލުމަށްފަހު މިވަގުތު ޓީމުގެ ކޯޗުކަމުން މޯހަން ވަކިކުރުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީ ބޯޑުން އެގޮތަށް ނިންމީ ކަމަށެވެ.
ކޯޗުކަމުގެ މަގާމުން މޯހަން ވަކިކުރިނަމަވެސް ފާއިތުވީ ދުވަސްތަކުގައި މޯހަންގެ ފަރާތުން ޓީމަށް ކޮށްދީފައިވާ ކަންތައްތަކަށާއި ހޯދައިދިން ކުރިއެރުމަށް ކުލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މާޒިޔާގެ ކޯޗުކަމުގެ މަގާމުން މޯހަން ވަކިކޮށްފައިވާއިރު މާޒިޔާ ވަނީ ޖެހިޖެހިގެން ތިން މެޗުން ބަލިވެފައެވެ. އެއީ ޕްރެޒިޑެންޓްސް ކަޕުގެ ލީގު ބުރުގައި ގްރީން ސްޓްރީޓްސް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވި މެޗާއި، ލީގު ބުރުގައި ވެލެންސިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވި މެޗުގެ އިތުރުން ފައިނަލުގައި ވެލެންސިއާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވި މެޗެވެ.
މިދިޔަ އޮކްޓޫބަރު މަހު 28 ވަނަ ދުވަހު މާޒިޔާގެ ކޯޗަކަށް ގެނައި މޯހަން އެ ޓީމު ގޮވައިގެން ސީޒަނަށް ތައްޔާރުވާން ނ.ކެނދިކުޅުދޫގައި ވަނީ ޓްރެއިނިން ކޭމްޕެއް ޖަހައި މެޗުތަކެއް ކުޅެފަ އެވެ. ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު މާލެ އައިސް ޑިސެމްބަރު މަހު 15 ވަނަ ދުވަހު ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ވަނީ 5-0 އިން ކްލަބް ވެލެންސިއާ ބަލިކޮށްފަ އެވެ.
އެހެންނަމަވެސް މިއީ ޗެރިޓީ ޝީލްޑް މެޗުގައި ދެއްކި މޮޅު ކުޅުން ފަހަކަށް އައިސް މާޒިޔާގެ ފަރާތުން ނުފެނުމާއި ގުޅިގެން ބޯޑުން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.
އައު ކޯޗެއް ހޯދަމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާކަން މާޒިޔާއިން ހާމަކޮށްފައިވާއިރު ފާއިތުވީ ސީޒަންވެސް މާޒިޔާއިން ފެށީ ދިވެހި ކޯޗަކާއި އެކުއެވެ. އެހެންނަމަވެސް ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ސާބިއާގެ ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު ރިސްޓޯ ވިޑަކޮވިޗް ވަނީ މާޒިޔާގެ ކޯޗުކަމުގެ މަގާމާއި ހަވާލުވެފައެވެ.
ފާއިތުވީ އަހަރު މޯހަން ވަނީ ރާއްޖޭގެ ތިން ކުލަބަކަށް އިރުޝާދުދީފައެވެ. އެގޮތުން އެންމެފުރަތަމަ އީގަލްސް އާއި ހަވާލުވުމަށްފަހު ދެން މޯހަން ފެނިގެންދިޔައީ ސަސްގެ ކޯޗުގެ ގޮތުގައެވެ. މާޒިޔާ އާއި މޯހަން ހަވާލުވީ ސަސްގެ ކޮންޓްރެކްޓް އުވާލިތާ 8 ދުވަސް ފަހުންނެވެ. މޯހަން އަކީ ކޯޗިންގގެ އެންމެ މަތީ ލައިސަންސް ކަމަށްވާ ޕްރޯ ލައިސަންސް އޮންނަ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ.