ކާމިޔާބު ކެރިއަރަކަށްފަހު އަހްމަދު އިމާޒް (އާއްކޮ) ޕްރޮފެޝަނަލް ފެންވަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލުމަށް ނިންމާ އެކަން ހާމަކޮށްފިއެވެ.
މީސްމީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށް އާއްކޮ ބުނީ، ގާތްގަނޑަކަށް 11 އަހަރަށްފަހު ފުޓުބޯޅަ ކުޅުން ހުއްޓަާލަން ނިންމާފައިވާ ކަމަށާއި، މިއީ ނިންމަން އުނދަގޫވި ނިންމުމެއް ކަމަށެވެ.
އަދި ފާއިތުވީ 11 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށާއި، ރާއްޖޭގެ ބޮޑެތި ގިނަ ކުލަބުތަކަކަށް ކުޅުމުގެ ފުރުސަތު ލިބުން އެއީ ބޮޑު ޝަރަފެއްކަަމަށް ގަބޫލުކުރާ ކަމަށެވެ.
މީގެއިތުރުން ކެރިއަރުގައި ކުރިއަށްދިއުމަށް ބޮޑު ހިއްސާއަކަށްވި ގިނަ ބަޔަކު ތިބިކަން ފާހަގަކޮށް އެފަރާތްތަކަށާއި ފުޓުބޯޅައިގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރަން ބޭނުންވާކަން އާއްކޮ ހާމަކުރިއެވެ.
އަދި އެފަރާތްތަކުގެ ސަބަބުން ދިރިއުޅުމުގައި ކުރިއަށްދާން ބޭނުންވާ ގިނަ ކަންތައްތަކެއް ދަސްވި ކަމަށާއި، މިކަންތައްތައް އަބަދުވެސް ހަނދާނުގައި ބަހައްޓާ އެކަންތައްތަކުގެ އެހީގައި ދިރިއުޅުން ބާއްޖަވެރިކުރާނެކަމަށް އާއްކޮ ބުންޏެވެ.
ވެލެންސިއާގެ ފަރިތަކުރުންތަކުގައި ބައިވެރިވިނަމަވެސް ކްލަބް އީގަލްސް އިން 2011 ވަނަ އަހަރު ކެރިއަރުފެށި އާއްކޮ ފާހަގަކުރެވުނީ އެއަހަރުގެ ޔޫތް ޗެމްޕިއަންޝިޕުންނެވެ. އެމުބާރާތުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން އީގަލްސްގެ ސީނިއަރ ޓީމުންވެސް އާއްކޮއަށް ފުރުސަތު ލިބުނުއިރު އޭގެ ފަހުން، އާއްކޮ އެންމެ ފުރަތަމަ 2014 ވަނަ އަހަރު މާޒިޔާ އަށް ކުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންނަމަވެސް 2015 ވަނަ އަހަރު އެއްބަސްވުން ދާއިމީކުރިއިރު އޭގެ ފަހުން އޭނާ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަނިޔާގެ މައްސަލަތަކާ ހުރެ މާޒިޔާގެ ފަހު އަހަރުތަކުގައި އާއްކޮ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއްނުވި އެވެ.
މާޒިޔާ އަށްފަހު ދެން އާއްކޮ ފެނިގެންދިޔައީ 2019 ވަނަ އަހަރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ. އެ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކި އާއްކޮ، މިދިޔަ ސީޒަނުގައި ފެނުނީ ވެލެންސިއާ އިންނެވެ. މި ސީޒަނުގައި ޓީމަކާ ނުގުޅި ހުރުމަށް ފަހު އާއްކޮ މި ވަނީ ރަސްމީކޮށް ފުޓްބޯޅައާ ދުރަށް ދާން ނިންމައިފައެވެ.
ކްލަބް ކެރިއަރުގައި އާއްކޮ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު ޔޫތު ޗެމްޕިއަންޝިޕްގެ ތަށި އީގަލްސްއާ އެކު ހޯދިއެވެ. މާޒިޔާއާ އެކު ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް އަދި ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރިއެވެ.
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ޖާޒީގައި ކުޅުމުގެ ޝަރަފުވެސް ހޯދާފައިވާ އާއްކޮ ވަނީ ގައުމީ ޓީމާއެކުވެސް ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2012 ވަނަ އަހަރުގެ މަހިންދްރާ ރާޖަޕަކްސާ ޓްރޮފީ މުބާރާތުގައި ތަށި ހޯދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް އާއްކޮ ހިމެނުނުއިރު އޭގެފަހުން 2018 ވަނަ އަހަރު ރާއްޖެއިން ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕުގެ ތަށި އުފުލާލި ޓީމުގައިވެސް އާއްކޮ ހިމެނެއެވެ.