ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގއ. ދެއްވަދޫގައި ގާއިމުކުރި ޕޮލިސް ޑެސްކު ރަސްމީކޮށް ހުޅުވައިފިއެވެ.
ދެއްވަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޑެސްކު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވީ ފުލުހުން ގާއިމުވުމުން ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމަކީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އިތުބާރާއެކުގައި ހިދުމަތް ފޯރުކޮށްދޭނެކަން ކަށަވަރުވުން ކަމަށެވެ.
އަދި ފުލުހުންގެ ފަރާތުން ރައްޔިތުން އެދޭފަދަ އިތުބާރުހުރި، ޒިންމާދާރު ހަރުދަނާ ހިދުމަތެއް ރައްޔިތުންނަށް ގާއިމު ކޮށްދިނުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ދެއްވަދޫގައި ޕޮލިސް ޑެސްކެއް ގާއިމުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމެށެވެ.
ރަށަކީ އަމާން ސުލްހަވެރި ކުޑަ އާބާދީއެއް އޮތް ރަށަކަށް ވީނަމަވެސް މިފަދަ ރަށްރަށުގައިވެސް ކުށާއި ކުށުގެ ބިރުވެރިކަން އިތުރުވެގެން އަންނަ އައުން އެއީ ފުލުހުން އެކަމާ ކަންބޮޑުވާ ކަމެއް ކަމުގައި ކޮމިޝަނަރ ވިދާޅުވިއެެވެ.
އަދި ރަށްރަށުގައި ހަމައެކަނި ފުލުހުން ބޭތިއްބުމާ ހަމައިން ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާވެގެން ނުދާނެ ކަމަށާއި ރައްޔިތުންގެ އުންމީދުތަކާ އެެއް ހަމައަކަށް އައުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމުގައި ކޮމިޝަނަރ ވިދާޅުވިއެވެ.
އެގޮތުން، އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ގޮތްތަކުގެ ރަނގަޅު އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރަށުގެ މުޖުތަމައާއި ކައުންސިލުު އަދި ރަށު ފެންވަރުގެ އެހެނިހެން އިދާރާތަކާއެކުގައި ދެމެހެއްޓެނިވި މަސައްކަތްތަކެއްކޮށް، ހަރުދަނާކަމާއެކު މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ އޮނިގަނޑުން މަގުފަހިކޮށްދެވޭނެ ކަމުގައި ފާހަގަކުރެއްވިއެވެ.