ވ. އަތޮޅު އާރަށް ކުއްޔައްދިނުމުގެ މުއާމަލާތާ ގުޅޭ ފައިސާ ލޯންޑަރ ކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އަންނަ ނޮވެމްބަރުމަހު އިއްވަން، ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށްކުރީ މަނީލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ.
ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމާ ދެބޭފުޅުން، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެެވެ.
މިމައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ދައުވާއަށް ޖަވާބުދާރީ ވުމާއި އިބްތިދާއީ މަރުހަލާ އަންނަ މެއިމަހާއި ހަމައަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ޖުލައިމަހުން ފެށިގެން ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި، އޮކްޓޫބަރުމަހު ހުލާސާ ބަޔާން ކުށައެޅުމާއި ހަމައަށް ކުރިއަށް ގެންދަވާނެކަމަށާއި، ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މިމައްސަލައިގެ ހުކުމް އިއްވާނެކަމަށް އިސް ގާޒީ ޝަކީލް ވިދާޅުވިއެވެ.
މިމައްސަލަ ވަގުތުން ދުރަށް ދައްކައިގެން ކުރިއަށް ގެންދިއުމަށް ރައީސް ޔާމީންގެ ވަކީލުން އެދިފައިވީ ނަމަވެސް މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޝަރީއަތްތައް ލައިވް ކުރެވޭނެ އިންތިޒާމް މިވަގުތު އެ ކޯޓުގައި ހަމަޖެހިފައި ނެތް ކަމަށެވެ. ނަމަވެސް އެވަސީލަތްތައް ލިބުމާއެކު އަޑުއެހުންތައް ލައިވް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒް ފޯރުވަން މަސައްކަތް ކުރާކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
މިކަމާއި ގުޅިގެން މައްސަލަ ބައްލަވާ އިސް ގާޒީ ވިދާޅުވީ، އެމައްސަލަ ކުރިއަށް ގެންދިއުމުގައި އެއްވެސް ފަރާތަކަށް ކޯޓުގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ. އަދި އެހެންމީހުން ދައްކާ ވާހަކަތަކަށް ކޯޓުން ނުބަލާނެ ކަމަށްވެސް އިސް ގާޒީ ވިދާޅުވިއެވެ.
ފަޅުރަށެއްގެ ގޮތުގައި އޮތް ވ. އާރަށަކީ ކުރިން ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ރަށެކެވެ.
ނަމަވެސް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެރަށް ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ކުންފުންޏަކަށް ދީފައެވެ. އަދި ޔޫސުފް ނައީމްގެ ކުންފުނިން ވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް 1 މިލިއަން ޑޮލަރަށް ވިއްކާލާފައެވެ.
މައްސަލަ އުފެދިގެން އުޅެނީ އެ އެއްމިލިއަން ޑޮލަރު ރައީސް ޔާމީން އެޗުއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރިކަމަށް ބުނާ މައްސަލައަކާއި ގުޅިގެންނެވެ.
މިމައްސަލާގައި ރައީސް ޔާމިނަށް މަނީލޯންޑަރިންގެ ދައުވާއެއް އުފުލާފައިވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް މީގެކުރިން އިއްވި ހުކުމް ސުޕްރީން ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
އޭގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.