ކޮވިޑްބަލީގައި ރާއްޖެއިން އަނެއްކާވެސް އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ހުޅުމާލޭ ކޮވިޑް ފެސިލިޓިގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު 04:53 ހާއިރު ނިޔާވެފައިވާ ކަމަށެވެ.

މިއާއެކު، ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ އަދަދު މިވަނީ 274 އަށް އަރާފައެވެ.

މިއީ މިމަހުގެ ތެރޭގައި ކޮވިޑްގައި ނިޔާވި 12 ވަނަ މީހާއެވެ. މިމަހު އެންމެ ގިނަމީހުން ނިޔާވީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖޭގެ ތިން ސަރަހައްދަކުން ހަތަރުމީހަކު ނިޔާވެފައިވެއެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖެ މިވަގުތުއޮތީ ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި އޮތްކަން އަންގާ "ރެޑް އެލާޓް" ގައެވެ. ރެޑްއެލާޓް ނެރެނީ މުޖުތަމައުގެ ތެރޭގައި ބަލި ޖެހުނު މީހަކާ ގުޅުމެއް އޮތްކަން ނޭނގި އެހެން މީހުންނަށް ބަލި ޖެހެން ފެށުމުންނެވެ.