މާލެ އަތޮޅު މާފުށީގައި ކަރަންޓް ދޭން ބޭނުންކުރާ ބެކަޕް އިންޖީން ހަލާކުވެ، އެ ރަށުން ކަރަންޓް ކެނޑިއްޖެއެވެ.

މި ވަގުތު މާފުށީގައި ހުރި "ވީނިއުސް"ގެ ރިޕޯޓަރަކު މަޢުލޫމާތު ދެއްވި ގޮތުގައި، އެ ރަށުން ކަރަންޓް ކެނޑުނީ މިރޭ 09:45 ހާއިރު ކަމަށެވެ. ކަރަންޓް ކެނޑެން މެދުވެރިވީ ބެކަޕް އިންޖީން ހަލާކުވެފައި ހުރުމުން، ކަރަންޓް އޯވާލޯޑްވި ދަނޑިވަޅެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ބުދަ ދުވަހުގެ ރޭ ވެސް ގާތްގަނޑަކަށް ގަޑިއެއްހާއިރު އެ ރަށުން ކަރަންޓް ކެނޑި އޮތީ ކަނު އަނދިރީގައެވެ.

މާފުށީ ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، ކަރަންޓް އޯވާލޯޑްވެގެން ކަރަންޓް ކެނޑޭ މައްސަލައަކީ އެ ރަށުގައި އާންމު މައްސަލައެކެވެ. މައްސަލަ ހައްލުނުވެގެން އުޅެނީ އެ ރަށު އިންޖީނު ގޭގައި އިންޖީނު ބަހައްޓަން އެކަށީގެންވާ ޖާގަ ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯއިން ބިމެއް ހޯދުމަށް ކައުންސިލްގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެދިފައިވާ ވަރުގެ ބިމެއް ދޭން އެ ރަށުގައި ބިން ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ސްޓެލްކޯ މާފުށީ ބްރާންޗްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އެ ފަރާތުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.