އިގްތިސާދީގޮތުން ގާތް ގުޅުންތަކެއް އުފެއްދުމަށް މެދުތެރޭ އޭޝިޔާގައި ހިމެނޭ 5 ގައުމެއްގެ ވެރިންނާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެއްބަސްވެވަޑައި ގެންފިއެވެ.

މި ލީޑަރުން މިކަމަށް އެއްބަސްވެވަޑައި ގެންނެވީ، މެދުތެރޭ އޭޝިޔާގައި ހިމެނޭ ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން، ތުރްކްމަނިސްތާން އަދި އުޒްބަކިސްތާނުގެ ވެރިންނާއެކު އިންޑިއާގެ ބޮޑުވަޒީރު މޯދީ އިއްޔެ ބޭއްވި ވާޗުއަލް ސަމިޓުގައެވެ.

ލީޑަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކުގައި، އިގްތިސާދީ ގާތް ގުޅުންތައް ގާއިމްކުރުމުގެ އިތުރުން، އަފްޣާނިސްތާނުގެ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތި ހާލަތުން އަރައިގަތުމަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، އަދި އަފްޣާނިސްތާނުގައި އޮތް ތާލިބާން ސަރުކާރު ގަބޫލުކުރުމުގެ މައްސަލައަށް ގޮތްތަކެއް ހޯދުމަށް ވޯކިންގ ގްރޫޕެއް އެކުލަވާލަން ވަނީ ނިންމާފައެވެ.

މެދުތެރޭ އޭޝިޔާގެ ގައުމުތަކާ އިންޑިއާއިން ގުޅުން ގާތްކޮށް ބަދަހިކުރަމުން ދާއިރު، މިއީ ޗައިނާއިންވެސް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ސަރަހައްދެކެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ އިއްޔެ ވާޗުލް ސަމިޓެއް ބޭއްވިއިރު، ޗައިނާގެ ރައީސް ޝީ ޖިންޕިން އަންގާރަދުވަހު ވަނީ، ކަޒަކްސްތާން، ތަޖިކިސްތާން، ތުރްކްމަނިސްތާން އަދި އުޒްބަކިސްތާނުގެ ވެރިންނާއެކު ވާޗުއަލް ސަމިޓެއް ބައްވާފައެވެ.

ޗައިނާގެ ރައީސްގެ ސަމިޓަކީ، މެދުތެރޭ އޭޝިޔާގެ ގައުމުތަކާއެކު މާ ބޮޑަށްވެސް ގާތް ގުޅުންތައް އުފެއްދުމުގެ މައްޗަށް ބޭއްވުނު ސަމިޓެއް ކަމަށް ޗައިނާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވެފައި ވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ އިއްޔެ ބޭއްވި ސަމިޓަށްފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ، ފުޅާ ދާއިރާއެއްގައ ކުރެވުނު މަޝްވަރާތަކަށްފަހު ވަރަށް ގިނަ ނުކުތާތަކަށް އެއްބަސްވެވުނު ކަމަށެވެ.

އެގޮތުން، އަފްޣާނިސްތާނުގައި ހުރިހާ ޖަމާއަތެއް ބައިވެރިވާ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރުމާއި، ހަރުކަށި ފިކުރާއި، މަސްތުވާތަކެތީގެ ގްރޫޕްތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި، އަންހެނުންންނާއި، ކުޑަކުދިންނާއި، ބައިމަދު ނަސްލުތަކުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ނުކުތާތައް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން، އީރާނުގެ ޗަބާހަރް ކަނޑުގެ ބިޔަ ބަދަރު، މެދުތެރޭ އޭޝިޔާގެ 5 ގައުމާ ގުޅިގެން ތަރައްގީ ކުރުމަށް ވޯރކިންގ ގްރޫޕެއް އުފައްދަންވެސް ލީޑަރުންވަނީ އެއްބަސްވެވަޑައި ގެންފައެވެ. ޗަބާހަރް ބަނދަކީ އެއްގަމު މަގުން ބަންދުކޮށް އޮންނަ މެދުތެރޭ އޭޝިޔާގެ ގައުމުތަކަށް ވަރަށް މުހިންމު ބަދަރެކެވެ.

އިންޑިއާއިން ބޭނުންވަނީ، މެދުތެރޭ އޭޝިޔާގެ ގައުމުތަކާއެކު ވިޔަފާރީގެ ގުޅުންތައް ފުޅާކުރަން ޗަބާހަރް ބަދަރު ބޭނުންކުރާށެވެ.

އިންޑިއާ ކަނޑާ އެންމެ ގާތުގައި އޮންނަ އީރާނުގެ ޗަބާހަރު ކަނޑުގެ ބަދަރު ތަރައްގީކުރަން އިންޑިއާ އެންމެ ބޮޑަށް ބޭނުންވަނީ، އަވަށްޓެރި ޕާކިސްތާނުން ބިނާކުރަމުންދާ ގްވާދަރް ބަނދަރާ ވާދައަށެވެ.

ގްވާދަރު ބަނދަރު ޕާކިސްތާނުން ތަރައްގީ ކުރަމުން ގެންދަނީ ވާދަވެރި ޗައިނާގެ އެހީތެރިކަމުގައެވެ.