ރިސެސްގެ މުއްދަތު ނިންމާލުމަށްފަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.
ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުގައި ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފްތާގެ އެންމެ ފަހު މަސައްކަތު ދުވަހުން ފެށިގެން ކޯޓު ރިސެސްއަށް ދާނެއެވެ. މި މުއްދަތުގެ ތެރޭގައި ކުރިއަށްދާނީ ވަކި މުއްދަތެއްގެ ތެރޭގައި ނިންމުން ލާޒިމްކުރާ މައްސަލަތައް އެކަންޏެވެ.
މިއަދު އެންމެ ފުރަތަމަ މައްސަލައެއްގެ ގޮތުގައި ތާވަލްކޮށްފައިވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަރާލާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުނީރުލް އިސްލާމްގެ މަރުގެ މައްސަލައެވެ. އެ މައްސަލައިގައި ކުރިއަށް ދަނީ އުމުރަށް ޖަލަށް ލައި، މަރުގެ ދިޔަ ދިނުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފްކުރުމެވެ.
މި މައްސަލައިގެ ޝަރީއަތް ފަށާފައިވަނީ މިއަދު 11:00 ގައެވެ.
ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން އެންމެ ފަހުން ނިންމާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފީ މައްސަލައެވެ. ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ދަށު ކޯޓާއި ހައިކޯޓުގައި ސާބިތުވެފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ މަނިކުފާޏުގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ހުކުމްކޮށްފައެވެ.
ފާއިތުވެދިޔަ އަހަރުވެސް ސުޕްރީމް ކޯޓުންވަނީ ގިނަ އަދަދެއްގެ ބޮޑެތި އަދި މުހިންމު މައްސަލަތަކެއް ނިންމާފައެވެ.