ކުޅުންތެރިންގެ ފެންވަރު ދެނެގަތުމަށް ގައުމީ ޓީމުގެ އައު ކޯޗު، ފްރެންޗެސްކޯ މޮރިއެރޯ ފަރިތަކުރުންތަކަށް ނެރުނު ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުންތެރިން ނެގި ގޮތާއި މެދު ހިތްހަމަ ނުޖެހި، ވެލެންސިއާ އާއިއެކު ޕްރެޒިޑެންޓްސް ކަޕުގެ ތަށި އުފުލާލި ކޯޗް، އިސްމާއީލް އާސިފް (ކުޑަ ހީނާ) ފާޑުކިޔައިފިއެވެ.

މިހާރު ކުރިއަށްދާ ގައުމީ ޓީމުގެ ފަރިތަކުރުންތަކަކީ ދާދިފަހުން ނިމުމު ޕްރެޒިޑެންޓްސް ކަޕަށްފަހު، ގައުމީ ޓީމެއް އެކުލަވާލުމަށް ފަސޭހަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ފަރިތަަކުރުންތަކެއްކަމަށް ގައުމީ ކޯޗް ބުނެފައިވެއެވެ.

މޮރިއޭރޯ އާއި ގައުމީ ޓީމުގެ އާ އެސިސްޓަންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ އަންނަނީ ސްކޮޑެއް ނަގައިގެން ޕްރެކްޓިސްތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި ކުރިން ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންނާއި ފަހުގެ ތާރީހުގައި އަލަށް ޓީމާ ގުޅުނު ކުޅުންތެރިން ހިމެނެ އެވެ. އަދި މުޅިން އަލަށް ގައުމީ ޓީމަށް ނެގި ކުޅުންތެރިން ވެސް އަންނަނީ ޓްރެއިނިންގައި ބައިވެެރިވަމުންނެވެ.

އެހެންނަމަވެސް ފަރިތަކުރުންތަކަށް ނެރުނު ކުޅުންތެރިން ނެގުމުގައި އެންމެ ރަނގަޅަށް އެކަން ކޮށްފައި ނުވާކަމަށް ކުޑަހީނާ ބުނެފައިވެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާ "މިހާރު" އާއި ވާހަކަދައްކަމުން ކުޑަހީނާ ބުނީ، ޕްރެޒިޑެންޓްސް ކަޕުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ ވެލެންސިއާގެ ކުޅުންތެރިން ކަމަށާއި އެކަމުގެ ހެއްކަކީ ދެއްކި މޮޅުކުޅުމާއެކު ހޯދި ޗެމްޕިއަންކަން ކަމަށެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ އެކުލަވާލި ޓީމަށް ނަގާފައިވަނީ ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި ކީޕަރު މުހައްމަދު ފައިސަލް ކަމަށްވުމުން، ޗެމްޕިއަން ޓީމުން އެންމެ ދެކުޅުންތެރިން ނެގުމުން އެކަމާ ސުވާލު އުފެދޭކަމަށް ކުޑަހީނާ ބުންޏެވެ.

"ސެންޓޭ އާއި ފައިސަލް އަކީ އަބަދުވެސް ގައުމީ ޓީމުގައި ހިމެނޭ ދެ މީހުން. އެކަމަކު ޕާފޯމަންސަށް ބަލައިގެން ނަގާކަމަށް ވަންޏާ ހަމައެކަނި އެ ދެ މީހުން ވެލެންސިއާ އިން ނެގީމައި އެއީ ސުވާލު އުފެދޭ ކަމަކަށް ވަނީ".
ކުޑަ ހީނާ

ކުޑަހީނާ އިތުރަށް ބުނީ މެޗަކުން ބަލިނުވެ ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕް ނެގުން އެއީ ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ހެއްކެއް ކަމަށާއި، ވެލެންސިއާ ޓީމުން ގައުމީ ޓީމަށް އެންމެ ފުރަތަމަ ދެކުޅުންތެރިން ނެގުމުން އެކަމާ ސުވާލު އުފެދޭ ކަމަށެވެ. އަދި އަމްދާން އަލީ (އެންޑީ) އަށް ޓީމުން ފުރުސަތު ދިނީ ފަހުން ކަމަށްވެސް ކުޑަ ހީނާ ބުންޏެވެ.

މީގެއިތުރުން އެހެން ކުލަބުތަކުގައި މޮޅަށް ކުޅުނު ބައެއް ކުޅުންތެރިންނަށްވެސް ގައުމީ ޓީމުގެ ފަރިތަކުރުންތަކަށް ފުރަތަމަ ނެރުނު ސްކޮޑުން ފުރުސަތު ނުދިނީތީ އެކަމާވެސް ކުޑަހީނާ ވަނީ ސުވާލު އުފައްދާފައެވެ.

އެގޮތުން މާޒިޔާގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ރިހާމް (ބޮބީ)ގެ އިތުރުން ބޮޑު އިންޖަރީ އަކަށްފަހު މި ސީޒަނުގައި ކުޅެންފެށި އަހްމަދު ރިޒްވާން (ރިޒޭ) އަށް ފުރުސަތު ނުދޭތީ އެކަމާ ކުޑަ ހީނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އަދި ވާދަވެރި އެއްވެސް މެޗެއް ކުރިމަތީގައި ނެތް އިރު ޕްރެކްޓިސްކޮށްލަން ނެރޭ ގައުމީ ޓީމެއްގައި ގިނަ ކުޅުންތެރިން ހިމެނުމަކީ މައްސަލައެއް އޮތް ކަމެއް ނޫން ކަންވެސް ކުޑަހީނާގެ ވާހަކައިގައި ފާހަގަކުރިއެވެ.

މޮރިއޭރޯއާ އެކު މިހާރު ކުރިއަށްދާ ޓްރެެއިނިން ސެޝަން ދެން ލީޑުކުރަނީ އެސިސްޓަންޓް ކޯޗު ސިމާއޯ އެވެ. ސިމާއޯ ކޯޗިން ޓީމާ ގުޅުމަކީ މޮރިއޭރޯ އަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

މިހާރު ކުރިއަށްދާ ފަރިތަކުރުންތަކުގައި ބައިވެރިވާ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ފައިނަލް ސްކޮޑެއް ނޫންކަމަށް މޮރިއެރޯ ބުނެފައިވެއެވެ. އަދި އިންޖަރީ އާއި އެހެނިހެން ބައެއް ސަބަބުތަކާހެދި ބައެއް ކުޅުންތެރިންނަށް މި ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭކަންވެސް މޮރިއެރޯ ފާހަގަކޮށްފައިވެއެވެ. އަދި ގައުމީ ޓީމެއް އެކުލަވާލުމުގައި މިހާރު މި ބާއްވާ ޓްރެއިނިންތަކުގެ އިތުރުން އަންނަ ހަފްތާގައި ފަށާ ދިވެހި ޕްރިމިއާ ލީގަށް ވަރަށް ބޮޑަށް ބަލާނެ ކަމަށް ރާއްޖޭގެ އޮންލައިން މީޑިއާ "އަދަދު" އާއި ވާހަކަދައްކަމުން މޮރިއެރޯ ބުނެފައިވެއެވެ.