ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ، އިދިކޮޅު އިއްތިހާދުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވާ، ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރުވުމަކީ ޖިނާއީ ކުށަކަށް ހަދައި ބިލެއް އެކުލަވާލުމުގެ މަސައްކަތް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެ ބިލަކީ އިންޑިއާ ރުއްސަން ދިވެހިންގެ ދުލުގައި ތަޅުއަޅުވަން ހުށަހަޅާ ބިލެއް ކަމަށެވެ. އަދި ރައްޔިތުން ކުރަން ޖެހޭ ކަމަކީ ކޮންމެ އަގެއް ދައްކާފައި ނަމަވެސް އަމިއްލަ ގައުމު ހިމާޔަތްކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.

ބީޖޭޕީ ރުއްސަން، ޕްރައިމް މިނިސްޓަރު މޯދީ ރުއްސަން ގާނޫނެއް ހަދައިގެން ތި ބޭފުޅުންގެ އަނގަބަންދުކުރަން މިއުޅެނީ. ގާނޫނެއް ހަދައިގެން ދުލުގައި ތަޅުއަޅުވަން މި އުޅެނީ
މުހައްމަދު ސައީދު، މެމްބަރު

މީގެ އިތުރުން، ހާރިޖީ ގުޅުމަށް އަސަރުކުރާ ފަދަ ވާހަކަ ނުދެއްކޭނެ ކަމަށް ބުނެ ގާނޫނު ހަދާއިރު އެއީ އިންތަކަކާއި މިންތަކެއް ކަނޑައެޅިފައި އޮންނަ ގުޅުމެއް ކަން ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވި ގޮތުގައި ގާނޫނެއް ހަދައިގެން "އިންޑިއާ އައުޓް" ގޮވުން މަނާކުރިއަސް ގާނޫނުއަސާސީގެ ބާރު މާގަދަވާނެއެވެ. ރައީސް އޮފީހާއި ސަރުކާރުގެ އެހެން އޮފީސްތަކުން ވެސް މާ އަޑުހަރުކޮށް "އިންޑިއާ އައުޓް" ދެން ގޮވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުބާރު ހިފޭ މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޑީޕީން އަންނަނީ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް އަލުން ފެށުމާއެކު ބިލު މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ވަމުންނެވެ. ބިލަށް ދީފައިވާ ނަމަކީ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާއެކު ގާއިމްކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް"އެވެ.

މިއީ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާގޮތަށް ސިޔާސީ ހަރަކާތް ހިންގައިފިނަމަ އަދަބު ލިބޭނެ ގޮތަށް ފަރުމާ ކުރެވޭ ބިލެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.