އުރީދޫ މޯލްޑިވްސްއިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް 10 ޓެބްލެޓް ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ޓެބްލެޓްތަކާއި ހަވާލުވެލެއްވީ މިނިސްޓަރ އައިޝަތު މުހައްމަދުދީދީއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން މިނިސްޓްރީއާއި ޓެބްލެޓްތައް ހަވާލުކޮށްދެއްވީ، ޗީފް ކޮމާޝަލް އޮފިސަރ ހުސެއިން ނިޔާޒްއެވެ.
މި ރަސްމިޔާތުގައި މިނިސްޓަރ ވިދާޅުވީީ އުރީދޫ ފަރާތުން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
އުރީދޫގެ ފަރާތުން ހަދިޔާކުރި ޓެބްލެޓްތައް ބޭނުން ކުރާނީ ދައުލަތުގެ ބެލުމުގައި ދަށުގައި ތިބި ކިޔަވާ ކުދިންނެވެ. މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުން 194 ކުދިން ބަލަހައްޓަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ޖެންޑަރ މިނިސްޓްރީ ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ދައުލަތުގެ ބެލުގެ ދަށުގައި ތިބި ކުދިންނަށް ރައްކާތެރި، އަމާން މާހައުލެއް ގާއިމްކޮށްދިނުމުގެ ބޭނުމުގައި ހއ. ދިއްދޫ، ށ.ފޮނަދޫ، ބ. އޭދަފުށި އަދި ފުވައްމުލަކުގައި ވަނީ އަމާން ވެށިތައް ގާއިމްކޮށްފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ދަނީ އަމާން ވެށިތައް ގާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ.
މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ސްޓޭޓް މިނިސްޓަރުންނާއި، މިނިސްޓްރީގެ އިސް މުވައްޒަފުންނާއި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްގެ އިސް މުވައްޒަފުންނާއި އުރީދޫ މޯލްޑިވްސްގެ ފަރާތުން މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.